21 Sep 2024, 19:17
ހަލާކުވެ މަގުތަކަށް ދޫކޮށްލައިފައިހުރި 224 ސައިކަލެއް މާލޭގެ މަގުތަކުން މިއަދު ނަގައިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ބުނެފިއެވެ.
މާލޭ މަގުތައް ސާފުކޮށް ބާވެ ނުވަތަ ހަލާކުވެގެން މަގުމައްޗަށް ދޫކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް ސިޓީ ކައުންސިލުން މަސައްކަތް ފެށީ މިއަދު ހެނދުނެވެ.
އެއާއެކު މިއަދު ކުރެވުނު މަސައްކަތުން 224 ސައިކަލު ނަގައިފައިވާކަމަށް ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުގެ މި ހަރަކާތާ ގުޅިގެން ކައުންސިލްގެ މީޑިއާ އޮފިޝަލު އައިމިނަތު ޝަތުފާ ޝަފީއު މީގެ ކުރިން ވިދާޅުވީ، މާލޭ މަގުތަކުގައި ބޭނުން ނުކޮށް ގިނަ އަހަރުތަކެއްވެފައިވާ ގިނަ އަދަދެއްގެ އުޅަނދުތައް އެބަހުރި ކަމަށެވެ.
އޭގެ ތެރޭގައި އިންޖީނު ނެތް އުޅަނދުތައް ވެސް ހުރިކަމަށާއި އެވެހިކަލްތަކުގެ ސަބަބުން މަގުގެ ބޮޑު ބައެއް ބޭނުން ނުހިފި ގެއްލޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވެ އޭނާ ވިދާޅުވީ މިއަދު ފެށި މި ހަރަކާތަކީ މާލޭގެ މަގުތަކުގައި ކުނީގެ ގޮތުގައި ހުރި ވެހިކަލްތައް ނެގުމަށް ފެށި ހަރަކާތެއް ކަމަށެވެ.
"މި ހަރަކާތް ކޮންޓިނިއު ކުރާނެ ހަމަ ކުރިއަށްއޮތް ތަނުގައި. އެއީ މާލޭ މަގުމަތީގައި ވަރަށް ގިނަ ދުވަސް ވަންދެން ހަމަ ކުންޏަށް ވެފައި ހުރި ކާރު އެއްޗިސް އެބަ ހުރި،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ހަރަކަތުގެ ތެރެއިން ޓޯ ކުރާ ވެހިކަލްތައް ބަލާ އައުމަށް ވެރިފަރާތަށް ވަކި މުއްދަތެއް ދޭނެ ކަމަށެވެ. އަދި ވެރިފަރާތުން ހަވާލުނުވާ ވެހިކަލްތައް އޮންނަ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.