21 Sep 2024, 16:35
އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެސް ހައްޔަރުކުރި ތިން މީހުން ތެރެއިން އަސްވާނު މުޙައްމަދު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ން ދައުވާ އުފުލައިފައިވާ މައްސަލައެއްގައި ގާނޫނާ ޚިލާފަށް ފުލުހުން އޭނާ ބަންދުކުރަން އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އަސްވާނު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަތަރެއްގައި ޗީބޯ ނަމަކަށް ކިޔާ ކެފޭއެއްގެ ގޯޅޮ ތެރޭގައި ހިނގި މާރާމާރީއަކާ ގުޅިގެންނެވެ.
އަސްވާނުގެ އިތުރުން އެ މައްސަލައިގައި ތުހުމަތުވާ ދެ މީހަކު ހައްޔަރު ކުރިއެވެ. އެއީ 26 އަހަރުގެ މުޙައްމަދު އަހްސަމާއި 19 އަހަރުގެ މުޙައްމަދު ސިބްތު އަބްދުﷲއެވެ.
އެ ތިން މީހުން ހޯދުމަށް ވެސް ރެޑް ނޯޓިސް ނެރެފައިވާއިރު، ގައުމުން ބޭރުގައި ފިލައިގެން އުޅެނިކޮށް، ތައިލެންޑުން ހައްޔަރުކޮށް ޑީޕޯޓުކުރީ ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުން ހައްޔަރުކުރީ ތައިލެންޑުން ރާއްޖެ ފޮނުވާލުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ކޯޓު އަމުރުގައިވާ ގޮތުން، ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ އަށްވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައި ވަނީ، ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީގެ އޮފީހަށް ލިޔުންތައް ބަލައިގަނެފައިވާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާއި ދައުވާ އުފުލާފައިވާ މައްސަލަތަކުގައި ހިމެނޭ މީހުންގެ ބަންދާމެދު ގޮތްނިންމުމަށް އެދި ހުށަހަޅާނީ ޕީޖީ އޮފީހުން ކަމަށެވެ.
ޗީބޯ ގޯޅިތެރޭ ހިނގި މާރާމާރީގެ މި މައްސަލައިގައި، އަސްވާން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅުމުން ތުހުމަތުކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ އަދި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ބަޔާންކޮށް އޭނާ ދޫކޮށްލިއެވެ.

ކްރިމިނަލް ކޯޓު: އިންޓަޕޯލް ޜެޑް ނޯޓިސް ނެރެގެން ގެނައި އަސްވާނު ދޫކޮށްލީ، ޕީޖީން އެދިފައި ވަނިކޮށް ބަންދަށް ގޮތެއް ނިންމަށް ފުލުހުން ހުށަހެޅުމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް އަސްވާންގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅައިފިނަމަ، އޭނާ ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ކަނޑައެޅުމަށް އޭރު އޮތީ އަންގައިފައެވެ.
މި އަމުރާ ގުޅިގެން އަސްވާންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅުމަށް ބެލި އިރު، އޭނާ ރާއްޖެއިން ބޭރަށް ގޮސްފައި ވާތީ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އޭރު ހުށަހަޅާފައެއް ނުވެއެވެ. އަދި އޭނާ ހޯދުމަށް ފުލުހުން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނެވެ.
މީގެ އިތުރުން، ތޫނު އިތުރުން އެއްޗިސް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލައި، އެ މައްސަލަ ޕީޖީން މިއަހަރުގެ ޖަނަވަރީ 30ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް، މި މައްސަލަ ކުރިއަށްގެންދަން ބެލި އިރު، އޭނާގެ އެޑްރެސް ސާފު ނުވާތީ، އެޑްރެސް ސާފުކުރުމަށް ފަހު އަލުން މައްސަލަ ކޯޓަށް ހުށަހެޅުމަށް އެދި ކްރިމިނަލް ކޯޓުން މިދިޔަ އޯގަސްޓް 20ވަނަ ދުވަހު ވަނީ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވައިލާފައެވެ.
މާރާމާރީގެ މައްސަލައިގައި މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން ހުށަހެޅީ ރެޑް ނޯޓިސްގެ ދަށުން އޭނާ ހައްޔަރު ކުރުމަށްފަހުއެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން ފާހަގަކުރީ އޭނާ މާރާމާރީ ހިންގި މައްސަލަ ޕީޖީގައި އޮއްވައި އެ މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުންނަށް ހުށަނޭޅޭނެކަމަށެވެ.
އަސްވާނު ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރާ ނަމަ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުންނަށް ހުށަހެޅިދާނެކަން ފާހަގަކޮށް އަސްވާނުގެ ދިފާއީ ވަކީލާ ހަވާލައިދީ، ކޯޓު އަމުރުގައި ވަނީ ބަންދާމެދު ގޮތެއް ކަނޑައަޅާ ފޯމުގައި ހަވާލާދީފައިވާ ކުށްތަކުގައި ފިލުމުގެ ތުހުމަތު ނެތް ކަމަށެވެ.

ޕީޖީ އޮފީސް: އިންޓަޕޯލް ޜެޑް ނޯޓިސް ނެރެގެން ގެނައި އަސްވާނު ދޫކޮށްލީ، ޕީޖީން އެދިފައި ވަނިކޮށް ބަންދަށް ގޮތެއް ނިންމަށް ފުލުހުން ހުށަހެޅުމުން -- ސަން ފޮޓޯ
""މި މައްސަލައަކީ ޕްރޮސެކިއުޓާ ޖެނެރަލް ބަލައިގަނެ، ކޯޓަށް ދައުވާ އުފުލައިފައިވާ މައްސަލައެއްކަން އެނގޭއިރު، މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން ހުށަހަޅައިފައި ވަނީ މި މާއްދާއާ ޚިލާފަށް ކަމުގައި ވާތީ، މީނާ ބަންދުން ދޫކޮށްލުމަށސް ނިންމަމެވެ،" ކޯޓު އަމުރުގައި ވެއެވެ.