ސްރީ ލަންކާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ގިނައީ އަންހެނުން ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެއްވެސް އަންހެން ކެންޑިޑޭޓަކު ވާދައެއްނުކުރައްވައެވެ. ލަންކާގެ މި ފަހަރުގެ އިންތިޚާބުގައި 39 ކެންޑިޑޭޓުން ރައީސް ކަމަށް ވާދަކުރައްވައެވެ.

ބާވީސް މިލިއަނަށް ވުރެ ގިނަ މީހުންގެ އަބާދީއެއް އޮންނަ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، މިއީ 2022ވަނަ އަހަރު އެ ގައުމަށް ކުރިމަތިވި ބޮޑު އިގްތިޞާދީ ގެއްލުމަށްފަހު، ބާއްވާ ފުރަތަމަ އިންތިޚާބެވެ.

ފަސް އަހަރު ދުވަހުގެ މުއްދައްތަށް ރައީސަކު އިންތިޚާބުކުރާއިރު، އެ ގައުމުގެ 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

"އަޅުގަނޑަށް ކުޑަކޮށް މާޔޫސްކަން އިހުސާސް ކުރެވެނު" މިއަހަރު އަލަށް ވޯޓުލީ ސަންދާމީ ނިމޭޝާ ބުންޏެވެ.

އުމުރުން 20 އަހަރުގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލްކުރާ ދަރިވަރެއް ކަމަށްވާ ނިމޭޝާ ބުނި ގޮތުގައި ވަކި ޖިންސަކަށް ބެލުމެއް ނެތި އާންމުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ވާޖިބު ރައީސުންގެ މައްޗަށް އޮތް ނަމަވެސް އަންހެން ރައީސަކު އަންހެންނުނަށް ޚިދުމަތް ކުރުމަށް އިތުރު ސަމާލުކަމެއް ދޭނެއެވެ.

ނަވާރަ ސަތޭކަ އެއްތީރީސް ވަނަ އަހަރު ވޯޓުލުން އާންމުކޮށް އެންމެންނަށް ހުޅުވާލި ފަހުން ލަންކާގެ ސިޔާސީ ދާއިރާއިގައި ގިނައިން ނަގާކިޔަނީ ފިރިހެނުންނެވެ.

އެއީ ދުނިޔޭގެ ގިނަ ގައުމުތަކުން ފެންނަ ޓްރެންޑެކެވެ. މިދިޔަ އަހަރު ޕިއު ރިސާޗް ސެންޓަރުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އދ.ގެ 193 މެމްބަރު ގައުމުގެ ތެރެއިން އެންމެ އިސްވެރިއެއްގެ ގޮތުގައި އަންހެނަކު ހުންނަނީ އެންމެ 13 ގައުމުގައެވެ.

އޭބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާގައި މީގެކުރިން އަންހެނުން ވަނީ ސަރުކާރުގެ މަތީ މަގާމުތައް ފުރާފައެވެ.

ސިރިމާވޯ ބަންޑާރަނައިކޭ 1960 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް ފަސް އަހަރު ލަންކާގެ ބޮޑު ވަޒީރުކަން ކުރެއްވިއެވެ. ސިޔާސީ މައިދާނަށް ނުކުމެވަޑައިގަންވަން ޖެހިވަޑައިގަތީ އޭރުގެ ބޮޑު ވަޒީރު، އަދި ބަންޑާރަނައިކޭގެ ފިރިކަލުން ސޮލޮމޯން ބަންޑާރަނައިކޭ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އެކަމަނާ ވަނީ އެ މަގާމު އިތުރު ދެ އަހަރު ފުރުއްވާފައިވައެވެ. އޭގެފަހުން އެކަމަނާގެ ހަގު އަންހެން ދަރިކަނބަލުން ޗަންދްރިކާ ކުމާރަޓަންގާ ވެވަޑައިގަތީ ލަންކާގެ ރައީސްކަން ކުރެއްވި ފުރަތަމަ އަދި ހަމައެކަނި އަންހެން ކަނބަލަށެވެ. އެކަމަނާ ރައީސްކަން ކުރެއްވީ 1994 އިން 2005 އަށެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ލަންކާއިން ވަނީ ލޯކަލް ކައުންސިލްތަކުގައި މަދުވެގެން 25 ޕަސަންޓު އަންހެނުން ތިބުމަށް ލާޒިމުކުރާ ގާނޫނެއް ފާސްކޮށްފައެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓް ސެޕާލީ ކޮއްޓެގޯޑާ ހަވާލާދީ އޭބީސީ ނޫހުން ބުނީ ރައީސް ކަމަށް އަންހެން ކެންޑިޑޭޓުން ކުރިމަތިނުލުމަކީ ލަންކާގެ ސިޔާސީ މަޝްރަހުގައި ޒަމާނުއްސުރެ ފިރިހެނުން ނަގާކިޔާކަމުގެ ރަމުޒެއް ކަމަށެވެ.

ކޮލަމްބޯގައި ހުންނަ ވިމެން އެންޑް މީޑިއާ ކަލެކްޓިވް އުފެއްދި ކޮޓެގޯޑާ އަކީ ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް 25 ޕަސަންޓު ކޯޓާ ހޯދުމަށް ވަކާލާތުކޮށް މަސައްކަތް ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މިއަދު ކުރިއަށްދާ ވޯޓުލުމުގައި މިހާތަނަށް ވޯޓުލީ 30 ޕަސަންޓު ކަމަށް ލަންކާ އޮފިޝަލުންނާ ހަވާލާދީ ދަ ހިންދޫއިން ރިޕޯޓުކުރެއެވެ.

ލަންކާގެ އިންތިޚާބާބެހޭ މަރުކަޒުން ބުނީ ވޯޓުލުން ކުރިއަށް ދަނީ ސުލްހަވެރިކަމާއެކު ކަމަށާއި މިހާތަނަށް އަނިޔާވެރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.