ދެހާސް ބާވީސް ވަނަ އަހަރު އިގްތިޞާދީގޮތުން އިނދަޖެހި މުޅި ގައުމު ހާލުގައި ޖެހުނު ފަހުން ބާއްވާ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ސްރީ ލަންކާގައި މިއަދު ފަށައިފިއެވެ.

ވޯޓުލާން ފަށައިފައި ވަނީ ލަންކާ ގަޑިން މިއަދު ހެނދުނު ހަތެއް ޖެހިއިރުއެވެ. ހަވީރު ފަހެއް ޖަހަންދެން ވޯޓުލުން ކުރިއަށް ގެންދާނެއެވެ. އާދީއްތަ ދުވަހުގެ ނިޔަލަށް ވޯޓުގެ ނަތީޖާ އާންމުކުރާނެ ކަމަށް ބެލެވޭކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ފަސް އަހަރުގެ ދައުރަކަށް އާ ރައީސަކު އިންތިޚާބު ކުރުމަށް ވޯޓުލުމުގެ ހައްގު 17 މިލިއަން މީހުންނަށް ލިބިފައިވާއިރު، ވޯޓު ލުމަށް 13،400 ފޮށި ބަހައްޓައިފައިވެއެވެ.

ވޯޓުލުން ކުރިއަށްދާ ވަގުތު އޮފިޝަލުންގެ ގޮތުގައި ދެ ލައްކައަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާއިރު، 63،000 ފުލުހުން އަންނަނީ ސަލާމަތީ ކަންކަން ބަލަމުންނެވެ.

އިންތިހާބު ކާމިޔާބު ކުރުމަށް ކޮންމެ ކެންޑިޑޭޓަކަށް ވެސް ބޭނުންވަނީ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓެވެ. އެފަދަ އަޣުލަބިއްޔަތެއް އެއްވެސް ކެންޑިޑޭޓަކަށް ނުލިބިއްޖެ ނަމަ، ދެވަނަ ބުރަކަށް ވޯޓު ގުނާނެއެވެ.

ސްރީ ލަންކާގެ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 39 ކެންޑިޑޭޓުން ވާދަކުރެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އޭގެތެރެއިން ރިޔާސީ ރޭހުގެ ކުރީގައި އުޅުއްވާ ތިން ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑެވެ. އެއީ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ކަނާތު ފިޔައިގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ އަނޫރާ ކުމާރާ ޑިސަނާޔަކޭއާއި އަދި ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ)ގެ ފަރާތުން ވާދަކުރައްވާ މިހާރުގެ އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސާއެވެ.

ރިޔާސީ ރޭހުގައި ދެން އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ސްރީ ލަންކާ ޕޮދޫޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާއެވެ. ނަމަވެސް, 2022ވަނަ އަހަރު ގިނަ ބަޔަކު އެއްވެ މުޒާހަރާކޮށް، ނަމާލްގެ ބޮޑު ބޭބެ ގޯޓަބަޔާ ރާޖަޕަކްސާ ވެރިކަމުން ދުރުކުކޮށްފައިވާއިރު، އިތުރު ރާޖަޕަކްސާއެއް ރައީސް ކަމަށް ގެނެސްދާނެކަމުގެ ފުރުސަތު ކުޑަ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސްރީ ލަންކާގެ އިގުތިޞާދު ހަމަޔަކަށް އެޅުވުމަށްޓަކައި، ތަންފީޒުކުރާނެ ކަންކަމާއި ސިޔާސަތުތައް ބައްޓަން ވާނީ އިންތިޚާބު ކާމިޔާބުކުރައްވާ ކެންޑިޑޭޓު ޔަގީންވުމުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެ ގައުމުގެ އިގުތިޞާދު އިނދަޖެހި، ގައުމު ބަގުރޫޓުވީ 2022ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ލަންކާގެ އިގްތިޞާދަކީ ވަރަށް އަވަހަށް ކުރިއަރަމުން އަންނަ އިގްތިޞާދެއް ކަމަށް ގިނަ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބެއިލްއައުޓްގެ ދަށުން ފޯރުކޮށްދިން 2.9 ބިލިއަން ޑޮލަރު އެހީތެރިކަމާ އެކު އިގުތިޞާދީ ގޮތުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެހެންވެ، އެ ގައުމުގެ އިގުތިޞާދީ ދުވެލި މި އަހަރު ތިން އިންސައްތައަށް ކުރިއަރާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި، ބޮންޑް ހޯލްޑަރުންނާ އެކު 12.5 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާކުރުމުގެ މަސައްކަތް ފައިނަލްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.