21 Sep 2024, 10:00
ފަސިންޖަރެއްގެ ކާތަކެތިން ދިރިހުރި މީދަލެއް ފެނިގެން ސްކެންޑިނޭވިއަން އެއާލައިންސް (އެސްއޭއެސް)ގެ ފްލައިޓެއް އިމާޖެންސީގައި ޖައްސައިފިއެވެ.
އިމާޖެންސީގައި ފްލައިޓް ޖެއްސީ ޑެންމާކުގެ ކޯޕަންހޭގަންގައެވެ. ފްލައިޓް ދަތުރުކުރަމުން ދިޔައީ ނޯވޭގެ ވެރިރަށް އޮސްލޯއިން ސްޕެއިންގެ މަލާގާއަށެވެ. އެ ފްލައިޓުގައި ތިބި ފަސިންޖަރުން ފަހުން ވަނީ އެހެން ބޯޓެއްގައި މާލާއަށް ގެންގޮސްފައެވެ.
އެއާލައިންގެ ތަރުޖަމާނު އޮއިސްޓައިން ޝްމިޓް އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ އިމާޖެންސީ ޖެއްސީ ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެއީ މީދަލުގެ ސަބަބުން ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ.
ބޯޓުތަކުގައި އެކަހަލަ ދިރޭ އެއްޗެއް އުޅޭނަމަ، ކަރަންޓު ނަރެއް ކަހަލަ އެއްޗަކަށް ގެއްލުން ދިނުން އެކަށީގެންވާތީ، އެފަދަ ހާލަތްތަކުގައި އާންމުކޮށް އެއާލައިންތަކުން އަމަލުކުރާ އުސޫލުތަކެއް ހުރެއެވެ.
"މިއީ އިންތިހާއަށް މަދުން ދިމާވާ ކަމެއް." ޝްމިޓް ވިދާޅުވިއެވެ.
"މިފަދަ ހާލަތްތަކަށް އަޅުގަނޑުމެން މިވަނީ އުސޫލުތަކެއް ގާއިމްކޮށްފައި، އޭގެ ތެރޭގައި މިކަން ތަކުރާރު ނުވާނެ ގޮތަށް ސަޕްލައި ކުރާ ފަރާތްތަކާ އެކު ރިވިއު ކުރުން ވެސް ހިމެނޭ." އޭނާ ވިދާޅުވިއެވެ.