އިންޑިޔާއަށް ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ޕާކިސްތާނު ޖަލުގައި 27 އަހަރު ވަންދެން ބަންދުކޮށްފައި ހުރި އިންޑިޔާގެ މަސްވެރިއަކު މިނިވަންކޮށްފި އެވެ.

ޕާކިސްތާނުން މިނިވަން ކުރި އިންޑިޔާގެ މަސްވެރިޔާ ސަރްޖީތު ސިންގުގެ ވަކީލު އަވާއިސް ޝެއިޚު އާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ސަރްޖީތު އިންޑިއާގެ އޮފިޝަލުންނާ މިއަދު ހަވާލު ކުރީ ޕާކިސްތާނާ އިންޑިއާ އާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ ލާހޯރުގެ ރަށްބޭރުގައި ކަމަށެވެ.

ދެކޮޅުވެރިކަން ބޮޑު މިދެގައުމުން ގައިދީން ބަދަލުކުރުމުގެ ކަންތައްތައް ދޭތެރެ ދޭތެރެއިން އިންތިޒާމް ކުރެ އެވެ. އެއީ ދެގައުމުގެ ދެމެދުގައި އޮންނަ ނުތަނަވަސްކަން ކުޑަކުރުމަށެވެ. އަންނަ ޖުލައިމަހުގެ ހަތަރުވަނަ ދުވަހު ދެގައުމުގެ ފޮރިން ސެކްރެޓަރީން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓެރަރިޒަމްގެ ތުހުމަތު ކުރެވިފައިވާ އިންޑިއާގެ ގައިދީއަކު މިނިވަން ކުރާނެ ކަމަށް މިމަހުގެ ކުރީ ކޮޅު ޕާކިސްތާނު ސަރުކާރުން ބުނި ނަމަވެސް ފަހުން ބުނެފައި ވަނީ މިނިވަން ކުރަނީ ސަރްޖީތު ސިންގް ކަމަށެވެ.

މިނިވަން ކުރުމުން ސަރަހައްދީ ރޮނގު ހުރަސްކުރަމުން، ސަރުޖީތު ވަނީ ގަސްދަކާ ސަރަަހައްދީ ރޮނގު ހުރަސް ކުރެވުން ފަދަ ކުދިކުދި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން މިނިވަން ކުރުމަށް ދެގައުމަށް ވެސް ގޮވާލައިފަ އެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ މަސްވެރިން މިހާރުވެސް ޕާކިސްތާނުގެ ޖަލުތަކުގައި އެބަތިއްބެވެ. އެމީހުން މިނިވަން ކުރުމާ މެދު ދެގައުމުން އަންނަނީ ވާހަކަތައް ދައްކަމުންނެވެ. (އޭޕީ)