19:00


އަރަބިއްޔާ ސްކޫލްގެ ކިޔެވުން ބަދަލުކުރާނެ އިމާރާތެއް ކަނޑައެޅުމަށް އެސްކޫލް ކުދިންގެ ބެލެނިވެރިންގެ ވޯޓެއް ނެގުމަށް ސްކޫލްގެ ބޯޑުން ނިންމައިފި އެވެ.


އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ބައެއް ބައިތަކުގެ ތަނބުތަކުން ސިމެންތި ގަނޑު ކަނޑައިގެން ވެއްޓި، ކިޔަވާ ކުދިނަށް ނުރައްކާވާ ހިސާބަށް ދިއުމުން، ސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން ހުއްޓާލުމާ ގުޅިގެން އެ ސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލު ކުރުމަށް އެޑިއުކޭޝަނުން ކުރިން ނިންމާފައި ވަނީ އަމީނިއްޔާ ސްކޫލްގެ ކުރިމަތީގައި ހުންނަ ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިކޭޝަންގެ އިމާރާތަށެވެ. ނަމަވެސް ފަހުން އެތަނުގައި ކިޔަވާދެވެން ނެތް ކަމަށް ބުނެ ކުރީގެ އެމްއީއެސް ހުރި އިމާރާތުގެ ބައެއްގައި ނުވަތަ އަމީރު އަހުމަދުގެ ބައެއްގައި ކިޔަވައިދޭ ގޮތަށް ކޮންމެވެސް އެއްތަނެއް ހިޔާރުކުރުމަށް ސްކޫލަށް އެޑިއުކޭޝަނުން އަންގާފައިވާ ކަމަށް ވެސް އަރަބިއްޔާ އިން ބުނެ އެވެ.


އަރަބިއްޔާ ސްކޫލްގެ މުދީރު އައްޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ އެޑިއުކޭޝަނުން އެދިފައިވާ ގޮތާމެދު މަޝްވަރާކުރުމަށް މިއަދު ސްކޫލް ބޯޑުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ވަކިގޮތަކަށް ނިންމާފައިނުވާ ކަމަށެވެ. އަދި ސްކޫލް ބޯޑުން ނިންމީ އެކަމާ މެދު ބެލެނިވެރިންގެ ހިޔާލު ހޯދުމަށް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.


އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޝިފާ މުޙައްމަދު މިއަދު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ކިޔެވުން އަމީނިއްޔާގެ ކުރިމަތީގައި ހުންނަ އިމާރާތަށް ބަދަލުކުރުމަށް އެޑިއުކޭޝަނުން ކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއަށްވުރެ ރަނގަޅު ގޮތްތަކެއް ހުރުމުން މިހާރު އެ ފުރުސަތު އެ ސްކޫލަށް ދީފައިވާ ކަމަށާއި އެގޮތުން ކުރިން އެމްއީއެސް ހުރި އިމާރާތުގެ ވެސް ބޭނުންކުރެވިދާނެ ބައެއް އެބަހުރި ކަމަށާއި އަދި އަމީރު އަހުމަދުގައި ވެސް ޖާގަ އެބަ އޮތް ކަމަށް ޝިފާ ވިދާޅުވި އެވެ.


ޝިފާ ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން ހުއްޓާލީ އެތަނުގައި އިމާރާތް ބާވެގެން ތަންތަންގަނޑު ނައްޓައިގެން ގޮސް، ކުދިންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާތީ ކަމަށެވެ. ނަމަވެސް ތަނެއް ހަލާކުވާއިރަށް ވަގުތުން އެތަން ތަޅާލައި އެތަނުގައި އާ އިމާރާތެއް އެޅުމަށް ވެސް ދުވަސްތަކެއް ނަނގާނެ ކަމަށާއި އަރަބިއްޔާގައި މި ހާދިސާ މި ހިނގީ އެ ސްކޫލްގައި އާ ލައިބްރަރީއަކާއި ސައިންސް ލެބެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އެހެންވީމާ ސްކޫލްގެ ހަލާކުވެފައިވާ ބައި އެއްކޮށް ނައްތާލާއި އެތަނުގައި އާ އިމާރާތެއް އެޅުމަށް އެޑިއުކޭޝަންގެ ވިސްނުން ހުރި ނަމަވެސް މިހާރު އެންމެ އިސްކަމެއް ދެނީ ސްކޫލްގެ ކިޔެވުމަށް ކަމަށް ވެސް ޝީފާ ވިދާޅުވި އެވެ.