މުރަނގަތޮޅިއަކީ ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކަމުދާ ދިވެހީންގެތެރޭ ވަރަށް އާންމު ތަރުކާރީގެ ބާވަތެކެވެ.

އާންމުގޮތެއްގައި މުރަނގަތޮޅި ދިވެހިން ބޭނުންކުރަނީ ކިރު ގަރުދިޔައާއި ތަފާތު ވައްތަރުގެ ސަޓަނި ނުވަތަ މަސްހުނި ފަދަ ބާވަތްތައް ތައްޔާރުކުރުމަށެވެ.

މީގެއިތުރުން މުރަނގަ ފަތަކީ ވެސް ހަށިގަނޑަށް އެހާ ފައިދާ ހުރި ވަރަށް ގިނަ ދިވެހީންނަށް ކަމުދާ ބާވަތެކެވެ. މުރަނގަތޮޅި އާއި މުރަނގަ ފަތުން މީގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. ސަބަބަކީ މިގަހުގައި އަޅާ މަލަކީ ވެސް ހަށިގަނޑަށް ނުހަނު ގިނަ ސިއްހީ ފައިދާތަކެއް ހޯދައިދޭ ބާވަތަކަށް ވީމައެވެ.

މި މަލުގައި އާދަޔާ ޚިލާފު މިންވަރަކަށް އެންޓިއޮކްސިޑެންޓްސް އަދި އެންޓި-އިންފްލެމެންޓަރީގެ މާއްދާތައް އެކުލެވިފައިވާތީ މިއީ އިންސާނުންގެ ހަށިގަނޑުގެ ކަށި ވަރުގަދަކޮށްދީ ކަށި ދުޅަހެޔޮކަންމަތީ ދަމަހައްޓައިދޭ ބާވަތެކެވެ. މުރަނގަމާ އާދަވެގެން ކެއުމުގައި ހިމަނާނަމަ އާތުރައިޓިސް މައްސަލަ ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެކަމުން ލުޔެއް ލިބުމަށް އެހީތެރިވެދޭނެއެވެ.

މުރަނގަތޮޅި މާ ބޭނުންކޮށްގެ ކެއުމަށް ތައްޔާރުކޮށްފައިވާ ބާވަތެއް--ފޮޓޯ/ޗާޔާސްފުޑް

މިއީ ޕޮޓޭސިއަމްގެ އަދަދު ވެސް މަތީ މިންވަރަކަށް އެކުލެވޭ މަލެއް ކަމުން ހައި ބްލަޑް ޕްރެޝާ އަދި ހައިޕަ ޓެންޝަން ހުންނަ މީހުންނަށް ވެސް މިއީ ފަރުވާއެކެވެ. ހަމައެއާއެކު ހިތުގެ މައްސަލަތަކުން އިންސާނާ ދުރުކޮށްދިނުމަށް މުރަނގަ ތޮޅި މާ އެހީތެރިވެދެއެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މިނެރަލްސް އާއި ވިޓަމިންސް މި މަލުން ހަށިގަނޑަށް ފޯރުކޮށްދޭއިރު މިއީ އަޔަން، ކެލްސިއަމް އަދި ފޮސްފަރަސް މަތީ މިންވަރަކަށް އެކުވެލިގެންވާ ބާވަތެކެވެ.

މުރަނގަތޮޅި މާ ކެއުމުގައި ހިމަނާލުމަށް، މި މާ ބޭނުންކޮށްގެން ސައި ތައްޔާރުކޮށްލެވިދާނެއެވެ. މީގެއިތުރުން މި މާ ބޭނުންކޮށްގެން ތަފާތު އެކި ވައްތަރުގެ ރިހަ އަދި ތަރުކާރީގެ ބާވަތާ އެކު ހިކިކޮށް ވެސް ތައްޔާރުކޮށް ކެއުމުގައި ހިމަނާލެވިދާނެއެވެ.