21 Sep 2024, 11:03
ފިލްމު އިންޑަސްޓްރީގައި ހޭދަ ކުރެވުނު ދުވަސްތަކުގެ މާޒީ މަތިން ހަނދާންކޮށްލާއިރު ވަރަށް ގިނަ ބަތަލާއިން އުޅެން ޖެހުނީ ބިރުވެރި ހާސްކަމެއްގެ ތެރޭގައި ކަމަށް ކުރީގެ ފިލްމީ ތަރި ދިއާ މިރުޒާ ބުނެފިއެވެ.
ނުވަދިހައިގެ އަހަރުތަކުން ފެށިގެން ދެހާހުގެ އަހަރުތަކާ ހަމައަށް އިންޑަސްޓްރީގައި މަސައްކަތްކުރި ވަރަށް ގިނަ ބަތަލާއިންގެ ދިރިއުޅުން ކޮންޓްރޯލް ކުރަމުން އައީ ފިލްމު ޕްރޮޑިއުސަރުން ކަމަށް ދިއާ ވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނީ، ދިއާ ފިލްމީ ދާއިރާއާ ގުޅުނުއިރު ވެސް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ކޮންމެ ކޮންމެ ކާ އެއްޗެއް ކެއުން ބަތަލާއިންނަށް މަނާ ކަމަށެވެ.
މީގެއިތުރުން އުމުރުގެ ގޮތުން ވިހީގެ އަހަރުތައް ގުނަމުންދާ ބަތަލާއެއް ނަމަ ގިނަ ބަތަލުން މަސައްކަތް ކުރަން ބޭނުންނުވާ ކަމަށާއި އެ ބަތަލާއަކު ވާން ޖެހެނީ ފިރިހެން ތަރިއަކު ބޭނުންވާ އުމުރެއްގެ ތަރިއަކަށް ކަމަށް ވެސް ދިއާ ބުނެފައިވެއެވެ. ހަމައެއާއެކު ބަރުދަނުގައި ވެސް ހުންނަންޖެހެނީ ވަކި ވަރެއް ކަމަށާއި ބަތަލާއިންނަށް ޒަވާޖީ ހަޔާތެއް ފެށުން ވެސް ހުއްދަ ނޫންކަމަށް ދިއާ ވަނީ ބުނެފައެވެ.

ދިއާ މިރުޒާ ފިރިމީހާ ވައިބާވްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ހުރިހާ ޝަރުތުތަކާ އެކު އޭރު ފިލްމު އިންޑަސްޓްރީއާ ގުޅެން ވަރަށް ޖެހިލުންވި ކަމަށާއި ހާއްސަކޮށް މީޑިއާތަކުން އޭރު ވާހަކަތައް ފަތުރަމުން ދިޔަ ގޮތުން ވެސް ވަރަށް ބިރުން ހުރި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އޭރުވެސް އަންހެން ތަރިންނަށް ފިލްމު އިންޑަސްޓްރީގައި ފުރުސަތުތައް ހަނިކަމަށާއި އެކަން ބަދަލުވާން ފެށީ ދެ ހާހުގެ ފަހު އަހަރުތަކުގައި ކަމަށް ދިއާ ވަނީ ބުނެފައެވެ.
މިހާރު ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަތަލާއިން ހާސިލުކުރަމުންދާ ކާމިޔާބީއާ މެދު ފަޚުރުވެރިވާ ކަމަށް ބުނަމުން ދިއާ ބުނީ އަންހެނުންނަށް ހަމަ ހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކޮށް އަޑު އުފުލާ ތަރިންނާ މެދު ފަޚުރުވެރިވާ ކަމަށެވެ.
ފިލްމު "ރެހެނާ ހޭ ތެރޭ ދިލް މޭ"އިން ފިލްމީ ކެރިއަރު ފެށި ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސްގައި ދާދިފަހުން ރިލީޒްކުރި ވެބް ސީރީސް "ކަންދަހާރު ހައިޖެކް"އިންނެވެ.