21 Sep 2024, 10:57
މި މަހުގެ 13ވަނަ ދުވަހު ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފެށި ކްރައިމް ތުރިލާ ފިލްމު "ސެކްޓަ 36"އަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާ ގުޅިގެން ފިލްމުގެ އެކްޓަރު ވިކްރާންތު މަސޭ ބެލުންތެރިންނަށް ޝުކުރު އަދާކޮށްފިއެވެ.
އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުތް އަދިތިޔަ ނިމްބާލްކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ދިނޭޝް ވީޖަންގެ އުފެއްދުމެކެވެ. މެޑްޑޮކް ފިލްމްސް އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން އުފެއްދި "ސެކްޓަ 36"އަކީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ނިތާރީ ވިލެޖް ކައިރީގައި ހުންނަ އޮތޯރިޓީއެއްގައި ހިނގި ސިލްސިލާ މަރުތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމު "ޓުވެލްތް ފެއިލް"ގެ މަންޒަރެއްގައި އެކްޓަރު ވިކްރާންތު--ފޮޓޯ/ޖީކިއު
ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފެއްދި މި ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާކުރުމާ އެކު، ބޭރު ދުނިޔޭގެ ޤައުމުތައް ހިމެނޭހެން މި ފިލްމު ވަނީ ނެޓްފްލިކްސްގެ ޓޮޕް ޓެން ފިލްމުތަކުގެ ތިން ވަނައިން ޖާގަ ހޯދާފައެވެ.
ފިލްމު ގެނެސްދީފައިވާ ގޮތުން ޑައިރެކްޓަރު އަދިތިޔަ ނިމްބާލްކަރަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު ފިލްމުގައި އެކްޓަރު ވިކްރާންތު މަސޭ އަދި ދީޕަކް ދޮބްރިޔާލް ދައްކާފައިވާ އެކްޓިންގް ހުނަރަށް ވެސް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ވިކްރާންތު އާއި ދީޕަކް އަކީ މީގެކުރިން ވެސް ދެ ތަރިން ކުޅެފައިވާ ފިލްމުތަކުން ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ހޯދާފައިވާ ދެ އެކްޓަރުންނެވެ. ދެ ތަރިންނަކީ ވެސް މާ މޮޑު މަޝްހޫރުކަމެއް ހޯދަން މަސައްކަތް ނުކުރާ ވަރަށް އާދައިގެ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅޭ ދެ ތަރިންނެވެ.
މިދިޔަ އަހަރު ބެލުންތެރިންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ތައުރީފު ލިބުނު ފިލްމު "ޓުވެލްތް ފެއިލް"ގެ އެކްޓަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭ "ޕިރް އާއީ ހަސީން ދިލްރުބާ" ހިމެނެއެވެ.