މާޒީއަށް ގޮސް ވާހަކަ ދައްކައިގެން މިއަދު ނަތީޖާ ނުނެރެވޭނެ ކަމަށް ނައިބު ރައީސް މުހަންމަދު ވަހީދުއްދީން (ޑީން) ވިދާޅުވެއްޖެ އެވެ.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މާޒީއަށް ކޮންމެހެން ގޮސް، ވާހަކަ ދައްކައިގެން މިއަދު ނަތީޖާތަކެއް ނުނެރެވޭނެ ކަމަށާއި، ނަމަވެސް މާޒީގައި ކަންތައް ވެފައި ހުރި ގޮތާމެދު ވިސްނާލައި، އެއިން ޢިބްރަތެއް ހާސިލު ކުރުމަކީ ނެތް ކަމެއް ނޫން ކަމަށެވެ.

އަދި ޤައުމެއްގެ އަގު ބައިނަލްއަޤްވާމީ މުޖްތަމަޢެއްގައި ގެއްލި އެ ޤައުމަކީ ނުރައްކާ ޤައުމަކަށް ވެއްޖެނަމަ، ނުވަތަ ވައްކަންކުރުމާއި ރެޔާދުވާލު މުޒާހަރާކުރާ ޤައުމަކަށް ވެއްޖެނަމަ، އެ ޤައުމަކަށް ލިބޭ ހުތުރުނަން ބަދަލުކުރަން ވަރަށް އުނދަގޫވާނެ ކަމަށް ޑީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮންމެ ނުބައި ޚަބަރެއް ވަރަށް ބާރަށް ދަތުރުކުރާކަން ހަނދާން ކުރަންޖެހޭނެ ކަމަށާއި ބައިނަލްއަޤްވާމީ މުޖްތަމައަށް ރަނގަޅު ޚަބަރެއް އިއްވޭނީ، ވަރަށްގިނަ މަސައްކަތް ކޮށްގެން ކަމުގައި ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިން، ރިހެބް ވަމުންދާއިރު، އެކުދިންނަކީ އުފެއްދުންތެރި ބަޔަކަށް ހަދަން ޖެހޭ ކަމަށާއި، ހަގީގީ ފައިދާ ނުކުންނާނީ އޭރުން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކީ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ އެއް ކަންތައް ކަމުގައި ފާހަގަ ކުރެއްވި އެވެ.

ދިވެހި ޒުވާނުންގެ ވަރަށް ބޮޑު ބައެއް، މަސްތުވާތަކެތީގެ ވަބާގައި އުޅޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އެކަމަށް ކުރަންޖެހޭ ހަރަދުގެ ސަބަބުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ އިގުތިސާދީ ގެއްލުން އަދިވެސް ފުރިހަމައަށް ހިސާބުކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމަށް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރަން ޖެހުމަކީ، އިގުތިސާދީ ގޮތުން ޤައުމަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

އަދި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމުގައި މުޅި މުޖުތަމައު އާއި ވިޔަފާރި ވެރިންނާއި ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުގެ ޒިންމާ އޮތްކަން ނައިބު ރައީސް ހަނދާންކޮށްދެއްވި އެވެ.

ނައިބުރައީސް ވިދާޅުވީ ޤައުމަށް ބަދަލުތައް ގެނެވޭނީ، ހުރިހާ ފަރާތްތަކުގެ ހިއްސާއާ އެކު ގުޅިގެން، މަސައްކަތް ކުރެވިގެން ކަމަށާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަކީ ވަކި ޕާޓީއެއްގެ މަސްއޫލިއްޔަތެއް ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ހުރިހާ ޕާޓީތައް ގުޅިގެން، ޤައުމުގެ މަސްލަހަތު ކުރިއަށް ނެރުމަށް ޕާޓީތަކަށް ނައިބު ރައީސް ވަނީ ގޮވާލައްވައިފަ އެވެ.