ލުބުނާނުން އިސްރާއީލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލުބުނާނުން ވަނީ މިއަދުގެ ވަގުތެއްގައި ގާތްގަޑަކަށް 170 ރޮކެޓް ހަމަލާ އިސްރާއީލަށް ފޮނުވައިފައެވެ.

ލުބުނާނުން އެ ހަމަލާތައް ދީފައި ވަނީ އެ ގައުމުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުﷲގެ ހަނގުރާމަވެރިން ބޭނުންކުރަމުންދިޔަ ގިނަ އަދަދެއްގެ މުވާސަލާތީ ވަސީލަތްތަކެއް ގޮވުމާ ގުޅިގެން އިސްރާއީލުގެ ކިބައިން އެކަމުގެ ބަދަލު ހިފާނެ ކަމަށް ލުބުނާނުގެ ލީޑަރު ހަސަން ނަސުރުﷲ ވިދާޅުވިތާ، އެއް ދުވަސް ފަހުންނެވެ. ވަސީލަތްތައް ގޮވުމުގެ އެ ނުރައްކާތެރި ހާދިސާގައި މިހާތަނަށް 37 މީހުން މަރުވެ، ތިން ހާހެއް ހާ މީހުން ވަނީ ޒަޚަމްވެފައެވެ.

ނަމަވެސް ހިޒްބުاللهއިން ބުނީ އެ ރޮކެޓްތަކަކީ ލުބުނާނުގެ ދެކުނުގެ ރަށްތަކަށާއި ގެތަކަށް އިސްރާއީލުން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

ރޮކެޓް ހަމަލާތަކެއް އަމާޒުވި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އަލިފާން ރޯވެފައިވާ ތަންތަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ. އަދި ބައެއް ރޮކެޓުތައް ވައްޓާލައިފައިވާ ކަމަށާއި އަނެއްބައި ރޮކެޓުތައް ވެއްޓިފައި ވަނީ ހުސް ބިންތަކަށް ކަމަށްވެސް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ.

ލުބުނާނުގެ އެ ހަމަލާއަށްފަހު، އިސްރާއީލުން ވެސް ވަނީ ލުބުނާނަށް ހަމަލާދީފައެވެ. އެ ހަމަލާގައި މިހާތަނަށް 12 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ ހުކުރު ދުވަހު ބެއިރޫތުގެ ދެކުނުގެ ޖަމޫސް ސްޓްރީޓްގައި ހުރި އިމާރާތަކަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމަށެވެ. އެ އިދާރާއިން ބުނީ އެފް-35 ޖެޓެއް މީހުން ދިރިއުޅޭ ސަރަހައްދަކަށް ދެ ހަމަލާއެއް ދީފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާގައި ހިޒްބުاللهގެ އިސް ކޮމާންޑަރު އިބްރާހިމް އަގީލް އާއި ރަދުވާން ސްޕެޝަލް ފޯސަސް ޔުނިޓްގެ އެހެން އިސް ކޮމާންޑަރުން މަރާލައިފައިވާ ކަމަށެވެ.

ނަމަވެސް އަގީލް މަރާލާފައިވާ ކަމަށް ހިޒްބުالله އިން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެބްސައިޓުގައިވާ ގޮތުން އަގީލް އަކީ 1983 ވަނަ އަހަރު ލުބުނާނުގައި މެރިންސްއަށް ދިން ބޮން ހަމަލާއާ ގުޅިގެން އެމެރިކާއިން ހޯދަމުން އަންނަ މީހެކެވެ. އަދި އޭނާ ހޯދި މީހަކަށް ހަތް މިލިއަން ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅައިފައިވެއެވެ.

ޖުލައި މަހު އިސްރާއީލުން ލުބުނާނަށް ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ފުއާދު ޝުކުރު ވެސް ވަނީ ޝަހީދުކޮށްލައިފައެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ލޭއޮހޮރުވުން ފެށިފަހުން ކޮންމެ ދުވަހަކުހެން އިސްރާއީލާއި ހިޒްބުﷲ އާއި ދެމެދު ހަމަލާތައް ބަދަލުކުރެއެވެ. ހަމަލާތަކުގެ ސަބަބުން ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައިތިބި ގިނަ ބަޔަކަށް ވަނީ އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފައެވެ.