ޕްރައިމަރީ ހެލްތް ކެއާގެ މަސައްކަތްތަކާއިއެކު ކައުންސިލްތަކަށް ކުރީގެ ސަރުކާރުން ބަދަލުކޮށްފައިވާ ޕަބްލިކް ހެލްތް ވޯކަރުން ހެލްތް މިނިސްޓުރީގެ ދަށުން ހިންގާ ސެންޓާ ފޯ ހަޔާ ކޮމިއުނިޓި ހެލްތް އެންޑް ޑިޒީޒް ކޮންޓުރޯލަށް ބަދަލުކުރެއްވުމަށް ހެލްތް މިނިސްޓްރީން ނިންމާ އެކަން މިއަދު އިއުލާންކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓާ ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވި އެ ބަދަލުގެންނަން ނިންމެވީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ސިއްހީ އެކި ހިދުމަތްތައް ހުރުމުން އޭގެ ތެރެއިން ގިނަ ހިދުމަތްތަކެއް ކައުންސިލްތަކަށް ނުދެވި ހުއްޓިފައިވާތީ ކަމަށެވެ.

"ސަރުކާރުން މިހާރު މި ނިންމީ ކޮމެޓީ ހެލްތް ވޯކަރުނާއި ފެމެލީ ހެލްތް ވޯކަރުންނާއި ހުރިހާ ހެލްތް ވޯކަރުން އަނބުރާ ސިއްހީ ދާއިރާއަށް ގެންނަށް" ޖަމްޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ހެލްތް ވޯކަރުން ސަރުކާރުގެ މުވައްޒިފުންނަށް ބަދަލުކުރުމުގެ މަސައްކަތް ސިވިލްސާވިސް އާއި ގުޅިގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ޕަބްލިކް ހެލްތް މަސައްކަތްތަކުގެ ތެރެއިން ދެން ކައުންސިލްތަކާއި ހަވާލުކުރާނީ މުނިސިޕަލް ކަންތައްތައް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިބަދަލު ގެނެވުމުން މިހާރު ހުއްޓިފައިހުރި މަސައްކަތްތަށް ކުރިއަށްގެންދިއުމަށާއި ރައްރަށުގައި ހިންގާ ސިއްހީ މަރުކަޒު ތަކާއި ތަންތަން ހިންގަން ފަސޭހަވެގެންދާނެ" ޖަމްޝީދް ވިދާޅުވި އެވެ.

ހުރިހާ ހެލްތް ވޯކަރުން ހެލްތް މިނިސްޓްރީގެ ދަށަށް އަލުން ބަދަލުކުރަނީ ލޯކަލް ގަވާމެންޓް އޮތޯރިޓީ އާއި ކައުންސިލް ތަކާއިވެސް ވާހަކަދައްކައި މަޝްވަރާކުރެއްވުމަށްފަހު ކަމަށްވެސް މިނިސްޓާ ވިދާޅުވި އެވެ.

ޕަބްލިކް ހެލްތު ސާވިސްތައް ކައުންސިލްތަކަށް ބަދަލުކޮށް ހެލްތް ވޯކަރުންވެސް ކައުންސިލްތަކަށް ބަދަލުކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައި ރައީސް ނަޝީދުގެ ސަރުކާރުންނެވެ.