ގއ. ފަޅުވެއްރެހާ އެ އަތޮޅު ވިލިނގިލީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ޖަލްސާގައި ވަޒީރުން މަޝްވަރާ
ކުރެއްވުމަށްފަހު ނިންމެވީ ފަޅުވެއްރެހާ ވިލިގިނލީގެ ބައެއްގެ ގޮތުގައި ހަމަޖައްސާ އެރަށް ފަޅުރަށްރަށުގެ ދަފުތަރުން އުނިކުރުމަށް ކަމަށެވެ.

ރިއޯ +20 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް މިދިޔަ ހަފްތާގައި ބްރެޒިލަށް ކުރެއްވި ދަތުރުފުޅުގެ މައުލޫމާތު ރައީސް ވަނީ ވަޒީރުންނާއި މިއަދު ހިއްސާ ކުރައްވައިފަ އެވެ. ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ މިސަމިޓްގައި ދުނިޔޭގެ ސަތޭކަ ވިއްސަކަށް ޤައުމުގެ ވެރިންނާއި، އެފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި، ގައުމުތަކުގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ބުނީ ބައެއްކަހަލަ ކަންތައްތަކުގައި، ކުރިއަށްވުރެ ބޮޑަށް ދުނިޔޭގެ ލީޑަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދިޔަކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ވަރަށްގިނަ ޤައުމުތަކުގެ ވެރިންނާއި އަދި ބައެއް ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރެއްވި ކަމަށާއި، ރާއްޖޭގެ ޙާލަތު މިހާރު އޮތްގޮތާ ބެހޭގޮތުން އެބޭފުޅުންނާ ރައީސް މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.