22 Sep 2024, 11:10
މަޝްހޫރު މެސެޖިން އެޕްލިކޭޝަން ވަޓްސްއެޕްގެ އެންޑްރޮއިޑް ވާޝަނަށް އައު ފީޗާއެއް ތަޢާރަފުކުރަން މަސައްކަތްކުރަމުންދާ ކަމަށް ފީޗާ ޓްރެކާއަކުން ބުނެފިއެވެ.
މި އައު ފީޗާގެ ދަށުން ބޭނުންކުރާ ފަރާތްތަކަށް ޗެޓްތަކާއި ޗެޓް ބަބަލްތަކުގެ ޑިފޯލްޓް ތީމް، ގިނަ ޑިޒައިން އޮޕްޝަންތަކުގެ ތެރެއިން ޚިޔާރުކުރެވޭނެއެވެ.

އެންޑްރޮއިޑްގައި ވަޓްސްއެޕްގެ ތީމް ބަދަލުކޮށްފައި ---
ވަޓްސްއެޕް ފީޗާ ޓްރެކާ ވާބެޓާއިންފޯގައި ވެސް ބުނެފައިވަނީ، ވަޓްސްއެޕް ބީޓާ ފޯ އެންޑްރޮއިޑް ވާޝަން 2.24.20.12 އިން މި ފީޗާ ފެނިފައިވާ ކަމުގައެވެ.
މި ފީޗާ ރޯލްއައުޓްކުރުމުން، ބޭނުންކުރާ ފަރާތްތަކަށް ގިނަ ޑިޒައިން ސްޓައިލްތަކުގެ ތެރެއިން އެމީހުންގެ ފޭވަރިޓް އޮޕްޝަންތައް ޚިޔާރުކުރެވޭނެ ކަމަށް އެ ރިޕޯޓްގައި ވެސް ބުނެފައިވެއެވެ.
މި އައު ފީޗާގައި، ޗެޓް ބަބަލްތަކާއި ވޯލްޕޭޕަރުގެ ކުލަތައް ޚިޔާރުކުރާ ތީމާ ގުޅޭގޮތަށް އަމިއްލައަށް ބަދަލުވާނެއެވެ. އަދި ބޭނުންކުރާ ފަރާތްތަކަށް ޗެޓް ބަބަލްގެ ކުލައާ ވަކިން ވޯލްޕޭޕަރުގެ ކުލަ ޚިޔާރުކުރެވޭނެ ކަމަށް ވެސް ވާބެޓާއިންފޯއިން ބުނެފައިވެއެވެ.
ގިނަ ތީމްތަކުގެ ތެރެއިން ޚިޔާރުކުރުމުގެ އޮޕްޝަން ވަޓްސްއެޕް ފޯ އެންޑްރޮއިޑްގެ ސެޓިންގްސްގައި ހުންނާނެއެވެ. އަދި މި ތީމް ހުރިހާ ޗެޓްތަކަށް ޑިފޯލްޓްގެ ގޮތުގައި ބޭނުންކުރެވޭނެ ނަމަވެސް، ވަކި ޗެޓަކަށް އަމިއްލައަށް ތީމް ބަދަލުކުރުމުގެ ފުރުސަތު އަދި ނުލިބިދާނެ ކަމަށް ބެލެވެއެވެ.
ވާބެޓާއިންފޯއިން ބުނެފައިވާ ގޮތުގައި މި ފީޗާ އަދިވެސް ވަނީ ތަރައްޤީކުރުމުގެ މަރުހަލާގައެވެ. އަދި މި ވަގުތު ގޫގުލް ޕްލޭ ބީޓާ ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީވެފައިވާ ބީޓާ ޓެސްޓަރުންނަށް ވެސް މި ފީޗާ ބޭނުމެއް ނުކުރެވޭނެއެވެ.
ވަޓްސްއެޕްއިން އެކި ޕްލެޓްފޯމްތަކަށް ގިނަ އައު ފީޗާތައް ތަރައްޤީ ކުރަމުންދިޔަ ނަމަވެސް، އޭގެ ހުރިހާ ފީޗާތަކެއް ޢާންމު ޔޫޒަރުންނަށް ލިބޭ ވާޝަނަށް ނާންނަ ކަމަށް ވެސް ވާބެޓާ އިންފޯއިން ފާހަގަކޮށްފައިވެއެވެ.