28 Jun 2012, 18:56
ޔޫރަޕިއަން ޗެންޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތާރީހަށް ބަލާއިރު، މި ފަހަރުގެ މުބާރާތުގައި މި ވަގުތު ބާކީ އޮތް ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަކީ ޖަރުމަނު ޓީމެވެ.
ޔޫރަޕިޔަން ޗެންޕިއަންޝިޕް އެންމެ ފުރަތަމަ ފަހަރަށް އޮތީ 1960 ވަނަ އަހަރު ފަރަންސޭސިވިލާތުގައެވެ. ޗެންޕިއަންކަން ހޯދީ ސޯވިއެޓް ރޫސީ ވިލާތެވެ. ރަނަރަޕަކީ ޔޫގޮސްލޭވިޔާއެވެ. މި މުބާރާތުން ތިންވަނަ ހޯދީ ޗެކޮސްލޮވާކިޔާއެވެ. ހަތަރުވަނަ ލިބުނީ ފަރަންސޭސިވިލާތަށެވެ.
1964 ވަނަ އަހަރުގެ މުބާރާތް ބޭއްވުނީ ސްޕެއިންގަ އެވެ. މުބާރާތް ކާމިޔާބުކުރީ ވެސް ސްޕެއިން އެވެ. ރަނަރަޕް ޓީމަކީ ސޯވިއެޓް ރޫސީ ވިލާތެވެ. ތިންވަނަ ހޯދީ ހަންގޭރީއެވެ. ހަތަރުވަނަ ލިބުނީ ޑެންމާކަށެވެ.
1968 ވަނަ އަހަރުގެ މުބާރާތް ބޭއްވުނީ އިޓަލީގަ އެވެ. މުބާރާތް ކާމިޔާބުކުރީ ވެސް އިޓަލީއެވެ. ރަނަރަޕް ޓީމަކީ ޔޫގޮސްލޭވިޔާއެވެ. ތިންވަނައަށް ދިޔައީ އިނގިރޭސިވިލާތެވެ. ހަތަރުވަނަ ޓީމަކީ ސޯވިއެޓް ރޫސީ ވިލާތެވެ.
1972 ވަނަ އަހަރުގެ މުބާރާތް ބޭއްވީ ބެލްޖިއަމްގައެވެ. މުބާރާތް ކާމިޔާބުކުރީ ހުޅަނގު ޖަރުމަނުންނެވެ. ރަނަރަޕް ޓީމަކީ ސޯވިއެޓް ރޫސީ ވިލާތެވެ. ތިންވަނަ ބެލްޖިއަމަށް ލިބުނު އިރު، ހަތަރުވަނަ ލިބުނީ ހަންގޭރީއަށެވެ.
1976 ވަނަ އަހަރުގެ މުބާރާތް ބޭއްވީ ޔޫގޮސްލޭވިޔާގައެވެ. މުބާރާތް ކާމިޔާބުކުރީ ޗެކޮސްލޮވާކިޔާއިންނެވެ. ރަނަރަޕް ޓީމަކީ ހުޅަނގު ޖަރުމަނެވެ. ތިންވަނަ ލިބުނީ ނެދަލޭންޑަށެވެ. ޔޫގޮސްލޭވިޔާ ދިޔައީ ހަތަރުވަނައަށެވެ.
1980 ވަނަ އަހަރުގެ މުބާރާތް ބޭއްވުނީ އިޓަލީގައެވެ. މުބާރާތް ކާމިޔާބުކުރީ ހުޅަނގު ޖަރުމަނުންނެވެ. ރަނަރަޕް ޓީމަކީ ބެލްޖިއަމެވެ. ތިންވަނަ ޗެކޮސްލޮވާކިޔާއަށް ލިބުނު އިރު، އިޓަލީ ދިޔައީ ހަތަރުވަނައަށެވެ. މިއީ ޔޫރޯ މުބާރާތެއްގައި އެންމެ ފަހުން ތިންވަނަ ހޮވާ މެޗު ކުޅެވުނު ފަހަރެވެ.
1984 ވަނަ އަހަރުގެ މުބާރާތް ބޭއްވީ ފަރަންސޭސިވިލާތުގައެވެ. މުބާރާތް ކާމިޔާބުކުރީ ވެސް ފަރަންސޭސީންނެވެ. ރަނަރަޕް ޓީމަކީ އިސްޕެއިނެވެ. ސެމީ ފައިނަލާ ހިސާބުން ކެޓި ދެ ޓީމަކީ ޑެންމާކާއި ޕޯޗުގަލްއެވެ.
1988 ވަނަ އަހަރުގެ މުބާރާތް ބޭއްވީ ހުޅަނގު ޖަރުމަނުގައެވެ. މުބާރާތް ކާމިޔާބުކުރީ ނެދަރލޭންޑުންނެވެ. ރަނަރަޕް ޓީމަކީ ސޯވިއެޓް ރޫސީ ވިލާތެވެ. ސެމީ ފައިނަލާ ހިސާބުން ކެޓީ އިޓަލީ އާއި ހުޅަނގު ޖަރުމަނެވެ.
1992 ވަނަ އަހަރުގެ މުބާރާތް ބޭއްވީ ސްވިޑްންގައެވެ. މުބާރާތް ކާމިޔާބުކުރީ ޑެންމާކުންނެވެ. ރަނަރަޕް ޓީމަކީ ޖަރުމަނެވެ. ސެމީ ފައިނަލާ ހިސާބުން ކެޓި ދެ ޓީމަކީ ނެދަލޭންޑާއި ސްވިޑްންއެވެ.
1996 ވަނަ އަހަރުގެ މުބާރާތް ބޭއްްވީ އިނގިރޭސިވިލާތުގައެވެ. މުބާރާތް ކާމިޔާބުކުރީ ޖަރުމަނެވެ. ރަނަރަޕް ޓީމަކީ ޗެކް ރިޕަބްލިކެވެ. ސެމީ ފައިނަލާ ހިސާބުން މުބާރާތަށް އަލްވަދާއު ކީ ދެ ޓީމަކީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ.
2000 ވަނަ އަހަރުގެ މުބާރާތް ބޭއްވީ ބެލްޖިއަމާއި ނެދަލޭންޑުގައެވެ. މުބާރާތް ކާމިޔާބުކުރީ ފަރަންސޭސިވިލާތެވެ. ރަނަރަޕް ޓީމަކީ އިޓަލީއެވެ. ސެމީ ފައިނަލާ ހިސާބުން ވަކިވާން ޖެހުނީ ނެދަލޭންޑަށާއި ޕޯޗުގަލްއަށެވެ.
2004 ވަނަ އަހަރުގެ މުބާރާތް ބޭއްވީ ޕޯޗުގަލްގައެވެ. މުބާރާތް ކާމިޔާބުކުރީ ގްރީސް އެވެ. ރަނަރަޕް ޓީމަކީ ޕޯޗުގަލްއެވެ. ސެމީ ފައިނަލާ ހިސާބުން ކެޓި ދެ ޓީމަކީ ޗެކް ރިޕަބްލިކާއި ނެދަލޭންޑެވެ.
2008 ވަނަ އަހަރުގެ މުބާރާތް ބޭއްވީ އޮސްޓްރިއާ އާއި ސްވިޒަރލޭންޑުގައެވެ. މުބާރާތް ކާމިޔާބުކުރީ އިސްޕެއިނެވެ. ރަނަރަޕް ޓީމަކީ ޖަރުމަނެވެ. ސެމީ ފައިނަލާ ހިސާބުން ކެޓީ ރޫސީވިލާތާއި ތުރުކީއެވެ.
މި ނަތީޖާތަކަށް ބަލާއިރު ޔޫރޯގެ އެންމެ ކާމިޔާބު ޓީމަކީ ޖަރުމަނެވެ. ފައިނަލުގައި އެއްކޮޅުން އޮތީ ސްޕެއިން އެވެ. އެންމެ ފަހުން އޮތް ޔޫރޯގެ ފައިނަލްގައި ސްޕެއިނުން ވަނީ ޖަރުމަނުގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ. ފުޓުބޯޅައިގައި މަޝްހޫރުކަން ލިބިފައިވިޔަސް އިނގިރޭސީންނަށް ދުވަހަކު ވެސް ޔޫރޯގެ ރަން މެޑަލް ވެސް އަދި ރިހި މެޑަލް ވެސް ލިބިފައެއް ނުވެ އެވެ.