މާލެއިން މުދާ ބަރުކޮށްގެން ލ. ހިތަދުއަށް ދަތުރު ކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ، ތިން މީހަކު ފިހިއްޖެ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މާލެއިން މުދާ ބަރުކޮށްގެން ދިޔަ "އުޖާލާ ބޯޓް" މިއަދު ހަވީރު 5:02ގައި ވ. ފުލިދޫ ކަނޑާ ހިސާބުން އަލިފާން ރޯވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބޯޓްގައި ތިބި ހަ މީހުންގެ ތެރެއިން ތިން މީހަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި ފުލުހުންގެ އެ ހީތެރިކަމާއެކު އެ މީހުން ވ. ދިއްގިރި ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތިން މީހަކު ފިހިފައި ވަނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ މީހުންނަށް ފަރުވާދިނުމަށްޓަކައި ދިއްގިރި ރިސޯޓަށް ގެންދިއުމުގެ މަސައްކަތް، އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގޭ" ހަނީފު ވިދާޅި އެވެ.

އޭނާ ވިދާޅުވީ ބޯޓްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިއްޖެ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އޭނާ ވިދާޅެއް ނުވެ އެވެ.

ބޯޓްގައި އަލިފާން ރޯވާން ދިމާވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.