މަދަނީ ކޯޓާއި ޖިނާއި ކޯޓުން ނެރުނު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓާފައި ހުރި މީހަކު ކޯޓަށް ހާޒިރުކުރަން ފުލުހުން ބަލާ ދިއުމުން ފާހަނައަށް ވަދެ ފިލި މީހަކު 3000.ރ އަށް ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ކުށުގައި ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ހުކުމް އިއްވާފައި ވަނީ މއ. ހަނީސަކްލް ހަސަން ޝިފާއުގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ކޯޓުގެ އަމުރެއް ދަށުން ފުލުހުން ހަސަން ޝިފާޢު ބަލާ އެނާ ދިރިއުޅެމުން ދިޔަ ގ.ކަޅަގާރިމާގެއަށް ދިއުމުން "ގިފިއްޔަށް ވަދެލުމަށް ފަހު އަންނާނަމޭ ބުނެ ގިފިއްޔަށް ވަދެ ފިލާފައިވާކަން ހެކިންގެ ބަހުން" ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އަދި އޭނާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ކުށް "ޝައްކެތް ނެތް މިންވަރަށް" ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމް ނިންމާފައިވަނީ ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާ(ހ)ގެ ދަށުން ކަމަށާއި އަދި އޭނާ ޖޫރިމަނާ ކުރުމަށް ނިންމީ އެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ކަމަށް އެ ހުކުމުގައި ބުނެ އެވެ.