28 Jun 2012, 16:42
މީޑިޔާތައް ރެގިއުލޭޓް ކުރާ ކޮމިޝަން، މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް މިއަދު މެންބަރުން އިންތިހާބުކޮށްފި އެވެ.
އެ އިންތިހާބު އޮތީ މިއަދު ހެނދުނު 10:00 ޖެހީއިރު އާޓްގެލަރީގަ އެވެ.
އާންމުންގެ ފަރާތުން ހަތް މެންބަރަކު މީޑިޔާ ކައުންސިލަށް އިންތިހާބު ކުރީއިރު މީޑިޔާތަކުގެ ފަރާތުން ވަނީ އަށް މެންބަރަކު އިންތިހާބުކޮށްފަ އެވެ. އެ ކޮމިޝަނަކީ 15 މެންބަރުންގެ ކޮމިޝަނެކެވެ.
މީޑިޔާތަކުގެ ފަރާތުން ކޮމިޝަނަށް ހޮވިފައިވަނީ ހަވީރުގެ ފަރާތުން އިސްމާއިލް ނަޝީރު 62 ވޯޓު، ދިވެހި ރާއްޖޭގެ އަޑުން މުހަންމަދު އަފްޒަލް 55 ވޯޓު، ވީޓިވީން އިބްރާހީމް ހަލީލް 50 ވޯޓު، އަށާވީސް މަޖައްލާއިން އިބްރާހިމް ޒަކީ 49 ވޯޓު، މިނިވަން ޑެއިލީން ހުޝާމް މުހަންމަދު 49 ވޯޓު، ދިޓީވީން މިދުހަތު އާދަމް 46 ވޯޓު، ސަންއެފްއެމް އިން އަހުމަދު ޒާހިރު (ހިރިގާ)، 45 ވޯޓު އަދި ރޭޑިއޯ އެޓޯލްއިން އަބްދުﷲ ޝިނާން، 43 ވޯޓުންނެވެ.
އާންމުންގެ ތެރެއިން މީޑިޔާ ކައުންސިލަށް އިންތިހާބުވީ މުހަންމަދު އަބްދުﷲ ޝަފީގު، 54 ވޯޓު، ޖައުފަރު ރަޝީދު 52 ވޯޓު، އަބްދުﷲ މުއާޒު ޔޫސުފް 51 ވޯޓު، އަލީ ރަޝީދު 39 ވޯޓު، ޒިހުނަތު ހަސަން 38 ވޯޓު، މުހަންމަދު ނަދީމް 38 ވޯޓު އަދި އަބްދުލް އަޒީޒު ހުސައިން 29 ވޯޓުންނެވެ.
އެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ ވަނީ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް މިހާރު ޝެޑިއުލް ކޮށްފަ އެވެ.
މީޑިޔާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް 70 ވުރެ ގިނަ މީޑިއާތަކުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އޭގެތެރެއިން 69 ފަރާތަކުން ވަނީ ވޯޓު ދީފަ އެވެ. އޭގެ ތެރޭގައި މިހާރު ނުވެސް ނެރޭ މަޖައްލާތަކާއި ނޫސްތައް ހިމެނެ އެވެ.