ފާއިތުވި ރޯދަ މަހުގެ ދުވާލު ސިނގިރެޓް ބުއި މީހަކު 150 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ރޯދަ ދޫކޮށްލުމުން ޖޫރިމަނާ ކޮށްފައި ވަނީ ގއ. ކޮނޑޭ، ފޮޅޭމާ، އިބްރާހިމް ޔާމީނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ސަމީރު އަބްދުލް އަޒީޒު ސޮއިކުރައްވާ އިއްޔެ އިއްވެވި ހުކުމްގައި ބުނަނީ މިދިޔަ ރަަމަޟާން މަހުގެ 15 ވަނަ ދުވަހުގެ 5:50 އެހާކަންހާއިރު މާލޭ އެއް ނަންބަރު ކުނިކޮށިތެރޭގައި ހުރެ ސިނގިރޭޓް ބޮއި، މަގުބޫލު ސަބަބެއްނެތި ރޯދަ ދޫކޮށްލާފައި ނުވާނެކަމަށް އިބްރާހިމް ޔާމީން ބުނިނަމަވެސް އެދުވަހު އޭނާ ސިނގިރެޓް ބޮއިފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ހެކީންގެ ހެކިބަހުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވާތީ އޭނާ 150 ރުފިޔާއިން ޖޫރިމަނާ ކޮށް އެފައިސާ ހަތް ދުވަހުގެ ތެރޭގައި އެ ކޯޓަށް ދެއްކުމަށް ހުކުމް ކުރާކަމަށް ވެސް އެ ހުކުމްގައި ވެއެވެ.