28 Jun 2012, 16:09
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ކޯޓުގެ ހުރުމަތް ކަނޑާލައްވާފައިވާކަމަށް ބުނެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް އިންސްޕްކެޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންވާ އިބްރާހިމް އިސްމާއިލްގެ މައްޗަށް ކުރާ ދައުވާ އަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ރޭ ކ.ތުލުސްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ދައްކަވާފައިވާ ވާހަކަތަކާއިގުޅިގެންނެވެ. އަދި ވިދާޅުވީ މައްސަލައިގެ ތަހުގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ތުލުސްދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އިބްރާ ވިދާޅުވެފައި ވަނީ ފަނޑިޔާރުން ހުކުމްކުރައްވަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެ ބޭފުޅުން މައިތިރި ކުރެވޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ.
އިބްރާ ދެއްކެވި މި ވާހަކަތަކާ ގުޅިގެން އިބްރާ އަށް ރައްދުދީ ސުޕްރީމް ކޯޓުން ވެސް އޭރު ވަނީ ބަޔާނެއް ނެރެފަ އެވެ.