28 Jun 2012, 15:29
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެއާޕްލަސް ޓްރެވަލް އެންޑް ޓުއާސް އިން ނަގާފައިވާ ޓިކެޓް ތަކަކަށް އަރާފައިވާ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމް ކޮށްފިއެވެ.
އެހުކުމްގައި ބުނެފައިވާގޮތުން، އެފްއޭއެމްއިން ޤައުމީ ފުޓްބޯޅަ ޓީމަށް ނަގާފައިވާ 30 ޓިކެޓަށް ދައްކަންޖެހޭ ފައިސާގެތެރެއިން މިހާތަނަށް ދައްކާފައިނުވަނީ 226674ރ. އާއި އެފައިސާ ހޯދުމަށް މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުން ޤާނޫނީ ވަކީލަށް ހަރަދުވި 25000.ރ އެވެ.
ސަންއޮންލައިނަށް މައުލޫމާތު ލިބިފައިވާގޮތުން އެފްއޭއެމް އިން އެއާޕްލަސް ޓްރެވަލް އެންޑް ޓުއާސް އިން ނަގާފައިވާ 30 ޓިކެޓަކީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމު ޖަރުމަނު ވިލާތަށް ދަތުރެއް ކުރުމަށްޓަކައި ނަގާފައިވާ ޓިކެޓް ތަކެކެވެ. އެހެން ނަމަވެސް ގައުމީ ޓީމް ހުސްވި އަހރު ޖަރުމަނަށް ގޮސްފައެއް ނުވެއެވެ.
އެފްއޭއެމް އިން ނަގާފައިވާ 30 ޓިކެޓަށް ޖުމްލަ އަރާފައިވަނީ 377,019.00 ރުފިޔާ ކަމަށާއި އޭގެތެރެއިން 150,345.00 ރުފިޔާ އެފްއޭއެމުން ވަނީ އެއަރޕްލަސް އަށް ދައްކާފައި ކަމަށް ސިވިލްކޯތުގެ ހުކުމުގައި ބުނެފައި ވެއެވެ.
ސިވިލްކޯޓުގެ ހުކުމުގައި ބުނެފައިވާގޮތުން 26 ޖޫން 2012 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި އެފައިސާ ދެއްކުމަށްވެސް މިހުކުމުގައިބުނެފައި ވެއެވެ.