28 Jun 2012, 15:14
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ޑިރެކްޓަރުންގެ ބޯޑުންގެ ހުސްވެފައިވާ ގޮނޑިއަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ފޮނުއްވެވި ބޭފުޅުންގެ ތެރެއިން އަހުމަދު ފާއިޒް މުހައްމަދު އެންމެ މަތީ މާކްސް ހޯއްދަވައިފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދަވާފައިވާ މީރާގެ ހަތް މެންބަރުންގެ ބޯޑުން ބޭފުޅަކު އިސްތިއުފާދެއްވުމާ ގުޅިގެން ރައީސް ޑރ. ވަހީދު މަޖިލީހަށް ފޮނުއްވެވި ބޭފުޅުންގެ ނަންފުޅުތައް ދިރާސާ ކުރި އިގްތިސާދީ ކޮމެޓީން ފާއިޒަށް ދެއްވާފައި ވަނީ 94.8 މާސްކް އެވެ. ދެވަނަ އަށް އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވީ ސ. ހުޅުދޫ، ވާރުގެ އާޠިރާ އަލީ އަށެވެ. އޭނާއަށް 84.6 މާކްސް ލިބިވަޑައިގެންނެވިއިރު، ތިން ވަނައަށް އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވީ ގދ. މަޑަވެލި ގަހާ، އަހުމަދު މުނައްވަރު އެވެ. އޭނާއަށް 82.5 މާކްސް ލިބިވަޑައިގެންނެވި އެވެ.
ދެން ތިއްބެވި ދެ ބޭފުޅުންގެ ތެރެއިން މ. ނަރުގިސްމާގެއާގެ އައިޝަތު އަރްޝާ ލިބިވަޑައިގެންނެވީ 81.6 މާކްސް އެވެ. އަދި ހ. މަޑިވަރު އައިޝަތު އަރްޝާއަށް ލިބިވަޑައިގެންނެވީ 80.4 މާކްސް އެވެ.
މިރާގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ފާއިޒް އެންމެ މަތީ މާކްސް ހޯއްދެވި ނަމަވެސް، އޭނާ މިރާގެ ބޯޑަށް އަންޔަން ކުރެވޭނީ މަޖިލީހުގެ ރުހުން ލިބުމުންނެވެ. އެއީ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވާ މެންބަރުންގެ އަގުލަބިއްޔަތުން ވޯޓެއް ލިބިގެންނެވެ.
މީރާގެ ބޯޑަށް މެންބަރަކު ހޮވުމަށްޓަކައި ރައީސް ޑރ. ވަހީދު މަޖިލީހަށް ފޮނުއްވެވި ފަސް ބޭފުޅުންނާ ކޮމެޓީން އިންޓަވިއު ކުރެއްވުމަށްފަހު މާކްސް ދެއްވުމުގައި ބައްލަވާފައި ވަނީ އެ ބޭފުޅުންގެ ކޭޕަބިލިޓީ އާއި ތަޖުރިބާ އާއި އިސްނެގުމާއި ވިޝަންގެ އިތުރުން އިންޓަގްރިޓީއަށެވެ.
ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަނާއެކު ހިމެނޭ މީރާގެ ބޯޑުގެ މެންބަރުންނަކީ ޕާޓްޓައިމްކޮށް މަސައްކަތްޕުޅު ކުރައްވާ ބޭފުޅުންނެވެ. ފަސް އަހަރުގެ މުއްދަ ދެމިތިއްބަވާ ބޯޑްގެ މެންބަރުންގެ މަހު މުސާރައަށް 15000ރ. އަށް ވުރެ ބޮޑެވެ.
ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި މީރާގެ ބޯޑުގެ މަސްއޫލިއްޔަތައް ކަމަށް ކަނޑައަޅާފައި ވަނީ ދައުލަތައް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ހަރަދުތައް ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ކަނޑައަޅައި ޒަމާނީ ޓެކްނޮލަޖީ ބޭނުންކޮށްގެން ޓެކްސް ނެގުމުގެ ލުއިފަސޭހަ ނިޒާމެއް ގާއިމް ކުރުމެވެ.