ދިވެހި ކުޅިވަރު މަނާ ބޭހުން ސަލާމަތްކުރުމަށާއި އެފަދަ ބޭސްތަކުގެ ސަބަބުން ކުޅުންތެރިންގެ ސިއްޙަތަށް ލިބޭ ގެއްލުންތަކާމެދު ހޭލުންތެރި ކުރުވުމަށް ވާލްޑް އެންޓިޑޯޕިން އެޖެންސީ (ވާޑާ) އާއި ގުޅިގެން، ރާއްޖޭގައި އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިއަދު ފެށުނު ނުވަވަނަ އޭޝިއާ އޯޝޭނިއާ ރީޖަނަލް އިންޓަގަވަންމަންޓަލް މިނިސްޓީރިއަލް މީޓިން އޮން އެންޓި-ޑޯޕިން އިން ސްޕޯޓްސްގެ ޖަލްސާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވާލްޑް އެންޓި-ޑޯޕިން އޭޖެންސީ (ވާޑް) އިން، އޮލިމްޕިކް ކޮމިޓީ އޮފް އޭޝިއާ (އޯސިއޭ)ގެ އެހީތެރިކަމާއެކު، ބާއްވާ މިޖަލްސާގައި ރާއްޖޭގެ ނޭޝަނަލް އެންޓި-ޑޯޕިން އެޖެންސީ(ނަޑާ)ގެ ކަންޓްރީ ރިޕޯޓް ހުށެހެޅުއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ މިނިސްޓަރު ވިދާޅުވީ، އަންނަ 2013 އިން ފެށިގެން ރާއްޖެއިން ވާޑާގައި އަދާކުރާ ހިއްސާ އިތުރުކުރުމަށާއި 10 ވަނަ މިނިސްޓީރިއަލް މީޓީން އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން ޝައުގުވެރިވާ ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގައި ބޭއްވޭ ހުރިހާ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ޑޯޕިން ޓެސްޓް ކުރެވޭނެ ކަމަށާއި އެކަން ފަހިކުރުމަށް މިނިސްޓުރީ މެދުވެރިކޮށް، މޯލްޑިވްސް ނާޑޯ އަށް އެހީ ތެރިކަން ލިބޭނެކަމަށް ރައްޖޭގެ ކަރަންޓީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޔުނެސްކޯގެ ކޮންވެންޝަން ތަސްދީޤްކޮށްފައިވާ އަދި ނާޑޯގެ ޒިންމާތައް ފުރިހަމަކޮށްފައިވާ އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ވާޑާގެ ސީނިއާ މެނޭޖަރު ގަވަރުމަންޓް ރިލޭޝަން އެންޑް ކޮމްޕްލަޔަންސް، މިސް އޭން ޖެންސަން ވަނީ އޭނާގެ ވާހަކާގައި ފާހަގަ ކުރައްވާފައެވެ.

އޮލިމްޕިކް މޫވްމަންޓުން އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތަކީ ކުޅިވަރުގައި މަނާ ބޭސް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، އެފަދަ ބޭސް ބޭނުންކުރާ ކުޅުންތެރިންގެ ސަބަބުން އެހެން ކުޅުންތެރިންނަށް ފުރުޞަތު ގެއްލުނަނުދިނުމަށްޓަކައި އެކަށޭނެ ފިޔަވަޅު އެޅުންކަން ފާހަގަ ކުރަށްވަމުން، މިނިސްޓަރު ވަނީ ރާއްޖޭގެ ވަޞީލަތްތައް ތަންދިން މިންވަރަކުން މިދާއިރާގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފަންނީ އެހީތެރިކަން ލިބޭ މިންވަރަކުން އިތުރު މަސައްކަތްތަކެއް ކުރުމުގެ ތެރެއިން މިދާއިރާއިން ރާއްޖެއަކީ މިސަރަހައްދުގެ ނަމޫނާ ޤައުމަކަށް ހެދިދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބެންކޮކްގެ ހޮލީޑޭ އިން އަދި އިންޓަކޮންޓިނެލްޓަލް ހޮޓެލްގައި ކުރިއަށްދާ މިޖަލްސާގައި ހުސްވި އަހަރު ވާޑާގެ އެކި ހަރަކާތްތަކުގެ ރިޕޯޓް އިއްވުމާއި، ޔުނެސްކޯގެ އެލިމިނޭޝަން އޮފް ޑޯފިން އިން ސްޕޯޓް ކޮންވެންޝަނާއި ފަންޑްގައި އިތުރު ޤައުމުތަކުން ބައިވެރިވުމާމެދު، އަދި މާނާ ބޭސް ބޭނުން ކުރުން ހުއްޓުވުމަށް އެކަށައެޅިފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތައް އިތުރަށް އާކޯޑު 2015 ގެ ކުރިން އެކުލަވާލުމަށާއި، މިސަރަހައްދުގައި ކޯޑު ތަންފީޒުކުރެވޭ މިންވަރު ހަރުދަނާ ކުރުމާމެދު މިއަދުގެ ޖަލްސާގައި ވަނީ މަސްވަރާ ކުރެވިފައެވެ.

މިއަދުގެ ޖަލްސާގައި ރާއްޖޭގެ އިތުރުން ކުވެއިތް، އިރާން އަދި ދެކުނު ކޮރިއާގެ ވަޒީރުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ އިތުރުން ސްރީލަންކާއާއި ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްގެ މައްޗަށް އެކުލެވޭ ސަރަޙައްދުގެ ރީޖަނަލް އެންޓި-ޑޯޕިން އެޖެންސީގެ މައި އޮފީސް ހުންނަނީ ރާއްޖޭގައެވެ.