28 Jun 2012, 15:03
ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަންފަށައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ ފަހުމީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެ މީގެ ދުވަސް ކޮޅެއް ކުރިން އަންހެނަކު ހުށަހަޅާފައިވާ މައްސަލަ އެއް ފުލުހުން ގެންދަނީ ބަލަމުން ކަމަށެވެ.
"ފަހުމީ ޖިންސީ ގޮނާ ކޮށްފައިވާ ކަމަށްބުނެ މީގެ ދުވަސްކޮޅެއް ކުރީން ހުށަހަޅާފައިވާ މައްސަލައެއް ފުލުހުން މި ގެންދަނީ ބަލަމުން،" އެނާ ވިދާޅުވި އެވެ. ނަމަވެސް މައްސަލައިގައި އިތުރު ތަފްސީލް އޭނާ ނުދެއްވި އެވެ.
އެނގިފައިވާ ގޮތުގައި ފަހުމީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހުށަހެޅީ ސީއެސްސީގެ ސީނިއާ ރިސާޗް އޮފިސަރުގެ މާގާމުގައި ހުރި މުވައްޒަފެކެވެ.
މީގެ އިތުރުން ސީއެސްސީގެ މެމްބަރަކު އެތަނުގެ މުވައްޒަފަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށްބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ދާދި ފަހުން ވަނީ ހުށަހަޅައިފަ އެވެ. އެކޮމެޓީން އެ މައްސަލަ މިހާރު ބަލަމުންދާއިރު އެ ކޮމެޓީއަށް ފަހުމީ އާއި އަންހެން މުވައްޒަފު ހާޒިރުކޮށްފައިވާ ކަމަށްވެސް ވަނީ އެނގިފަ އެވެ. ނަމަވެސް ކޮމެޓީގެ އެ ބައްދަލުވުން ސިއްރުކުރުމުން އެކަމާ ގުޅޭ އިތުރު ތަފްސީލު ލިބިފައެއްނުވެ އެވެ.