އެކި ފަރާތްތަކުން ދައުލަތަށް ދައްކާފައި ހުރި ފައިސާގެ ތެރެއިން ޗެކް ބައުންސްވެގެން ދައުލަތަށް 3.7 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް ޗެކުގެ ޒަރިއްޔާއިން މީރާއަށް ލިބިފައިވާ ޕޭމަންޓްތަކުގެ ތެރެއިން ގިނަ ޗެކްތަކެއް ވަނީ ބައުންސްވެފަ އެވެ. އެ ޗެކްތަކުގެ ޖުމްލަ 3.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

"މި ކޮޅަށް ބަލައިގަންނަމުން ގެންދާ ފައިސާއަށް ޗެކް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ޗެކް އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ނުވަތަ އެ ޗެކުގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައި ނުހުންނާތީ މީރާއަށް ގިނަ އަދަދެއްގެ ފައިސާ ލިބެންޖެހި ވަނީ ނުލިބި،" މީރާގެ ޑައިރެކްޓާ އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައުންސް ޗެކްގެ މައްސަލަ ބޮޑު މައްސަލައަކަށް ވާންފެށީ ބިދޭސީންގެ ޑިޕޮސިޓް ފައިސާ ބަލައިގަންނަން ފެށި ހިސާބުން ކަމަށެވެ. ނަމަވެސް އެކި ޓެކްސްތަކާއި ރޯޔަލްޓީގެ ގޮތުގައި ޗެކުން ފައިސާ ދައްކާފައި ހުރި ބައެއް ޗެކްތައްވެސް ބައުންސްވެފައި ހުރި ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

"ދޭތެރެ ދޭތެރެއިން އަބަދުވެސް އެހެން ޗެކްބައުންސްވުމުގެ މައްސަލަ ދިމާވޭ، އެކަމަކު މި މައްސަލަ ބޮޑުވީ ބިދޭސީންގެ ޑިޕޮސިޓް ނަގަން ފެށި ހިސާބުން، ދެން ޖީއެސްޓީ އެއްޗިހިންވެސް ޗެކް ބައުންސްވޭ،" ފަތުހުﷲ ވިދާޅުވި އެވެ.


ފައިސާ ނުލިބި ހުރި ޗެކްތަކަށް އަންނަ މަހުގެ 15ގެ ކުރިން ފައިސާ ދެއްކުމަށް މިހާރު އަންގާފައިވާ ކަމަށްވެސް ފަތުހުﷲ ވިދާޅުވި އެވެ. އަދި ވިދާޅުވީ 15 ކުރިން ފައިސާ ނުދައްކައިފިނަމަ އެ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކޮށް ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.

"އެ ފަރާތްތަކުގެ މައްސަލަ އިތުރު އެންގުމަކާއި ނުލައި ޝަރީއަތަށް ފޮނުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅޭނެ،" ފަތުހުﷲ ވިދާޅުވި އެވެ.

ބައުންސް ޗެކްގެ މައްސަލަ ބޮޑުވުމުން މީރާއިން މިހާރު ވަނީ ޗެކުން ފައިސާ ބަލައިގަތުމުގައި ގެންގުޅޭނެ އުސޫލެއް އާންމުކޮށް އިއުލާންކޮށްފަ އެވެ. ފަތުހުﷲ ވިދާޅުވީ އެ އުސޫލުގެ ދަށުން ޗެކުން ފައިސާ ދައްކަން ޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން ޖެހޭއިރު ބައުންސްވާ ޗެކަށް 20 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެމީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.

މީގެއިތުރުންވެސް އެ ގަވާއިދުގައި ހުރި ކަންތައްތަކުގެ ތެރޭގައި ޗެކް ބައުންސްވާ ފަރާތްތައް މިރާއިން ކަޑައަޅައި މުއްދަތަކަށް ބްލެކް ލިސްޓް ކުރުމާއި ފައިސާ ދައްކާފައިވާ ޗެކެއް ބައުންސްވިނަމަވެސް އިންޓަރެސްޓާއި ޖޫރިމަނާ ނަގާނެ އެވެ.

ޗެކް ބައުންސްވެއްޖެ ނަމަ ޗެކަށް ފައިސާ ދައްކަން ލިބޭނީ ތިން ދުވަހެވެ. ބައުންސް ޗެކަށް ފައިސާ ބަލައި ގަންނާނީ ގެރެންޓީ ދީފައިވާ ޗެކަކުން ނޫނީ ނަގުދު ފައިސާއިން ކަމަށް މީރާއިން މިހާރު ވަނީ ކަޑައަޅައިފަ އެވެ.