28 Jun 2012, 14:17
މާލޭގެ ޕާކުތައް ތަރައްގީކުރުމަށް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ބިންތަކުގައި ހޮޓާ ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަން ހަދާފައިވާ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތްތަށް ކުރިއަށްދާ ގޮތުގެ މައުލޫމާތު ނޫސްވެރިންނަށް ދިނުމުގެ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކުތައް ތަރައްގީކުރުމަށް ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ބިންތަކުގައި ކެފޭ އަދި ރެސްޓޯރަންޓްފަދަ ތަންތަން ހެދުމުގެ ހުއްދަ އެކި ފަރާތްތަކަށް ދޫކޮށްފައިވަނީ އެ ބިން ހަވާލުކުރުމުގައި ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުމާއި ހިލާފަށް ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ އެތަންތަނުގައި އިގުތިސޯދީ އެކި މަސައްކަތްތައް ކުރިއަށް ގެންދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ގަވާއިދުތަކާއި އެގުރިމެންޓްތަކާއި ހިލާފަށް އަމިއްލަ ސިޔާސަތުތައް އިސްކުރައްވައިގެން ކަމަށެވެ.
"މާލެއަށް ބޭނުންވަނި ވަރަށް ބޮޑަށް ހުސްތަންތަން ކުރިއޭޓްކުރަން. ހަގީގަތުގައި މާލޭގެ ޕްލޭނިން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ގެންދިއުމުގެ ހުރަހަކީ މާލެ ތޮއްޖެހުން. މިހެން އޮއްވާ އެތަށް އަހަރެއްގެ މަސައްކަތުން ހުސްކޮށްފައިވާ ބިން ތައް އެއްވެސް ކަހަލަ އުސޫލެއް ހަމައެއް ނެތި އެބޭފުޅުންގެ އަމިއްލަ އެޖެންޑާއެއް އިސްކޮށްގެން އެކިފަރާތްތަކަށް ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން އެއްވެސް ގޮތަކަށް ވާނެ ކަމެއްނޫން އެކަން ވަރަށް ހަރުކަށި އިބާރަތުން ކުށްވެރިކުރަން، އަދި ފިޔަވަޅު އަޅާނަން" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާކުތަކުގައި ކެފޭ ތަކާއި ރެސްޓޯރަންޓު ތައް ހަދާ ފަރާތްތަކުން ވެސް އެ ކުރަނީ ގާނޫނީ ގޮތުން ކުށެއް ކަމަށާއި އެ މަސައްކަތްތަކަށް ސަރުކާރަށް ޒިންމާނުވާނޭ ކަމަށެވެ. ގާނޫނީ ގޮތުން އެތަންތަން ހުސްކުރަން އަންގައިފިނަމަ އެ މިނިސްޓްރީން އެކަން ތަންފީޒު ކުރާނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެހެން ވީމައި އެތަންތަން މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދިނުމަށް އިއުލާނުކުރިނަމަވެސް އެފަދަ ތަންތަން ނަގާ ފަރާތްތަކުން އެ ކުރައްވަނީ ގާނޫނީ ގޮތުން ކުށެއް. އެކަން އެގޮތަށް ކުރައްވައިގެން ނުވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މިނސްޓަރު ވިދާޅުވީ އާޓީފިޝަލް ބީޗްގައި ފުޑް ކޯޓެއް ހިންގުމަށް ބިމެއް ކުއްޔެއްދީ އެތަނުގައި އެތަނުގައި ދެބުރި އިމާރާތެއް ކުރަމުން އަންނަ ކަމަށާއި މާލޭގެ ބޭރުގައި އެގޮތައް އިމާރާތް ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެކަން ސިޓީ ކައުންސިލަށް އެންގުމުންވެސް އެ މަސައްކަތް ހުއްޓާނުލައި ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
" އަޅުގަނޑުމެން ސިޓީ ކައުން ސިލަށް އަންގާފައިވަނީ އެގޮތަށް އެސަރަހައްދުގައި އިމާރާތްނުކުރެވޭނެކަމަށް. އެތަނަކީވެސް ކުދި ކުދި ސިންގަލްސް ސްޓޯރީ ނޫނިއްޔާ ޑިވޮލޮޕްމެންޓްސް ނުކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ތަނެއް. ނަމަވެސް މިހާރު އެބަފެނޭ ކޮންކްރީޓް ބޮޑު އިމާރާތެއް ހަދާތަން އަޅުގަނޑުމެން ވާނީ ސިޓީ ކައުންސިލަށް އަންގާފައި އެގޮތަށް އެކަން ނުކުރެވޭނެކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސީޓީކައުންސިލުން އެކަން ކުރަމުން ގެންދަނީ ބިން ދީފައިވާ ގަވާއިދާ ހިލާފަށް ކަމަށް އެފަރާތުންވެސް އިއުތިރާފުވެފައިވާ ކަމަށާއި އެފަދަ މައްސލަތަކުގައި ކައުންސިލުގެ އެއްބާރުލުން ނުލިބިއްޖެނަމަ ބަންޑާރަ ނައިބު ލަފަޔާއި އެކު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.