މާލޭ ސިޓީ ކައުންސިލްގެ އަތުން އުސްފަސްގަނޑު ހޯދުމަށް ސަރުކާރުން ކުރި ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރިއަތުގެ މަޖިލީހުގައ ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ބަންޑާރަ ނައިބުގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލާއި އުސްފަސްގަނޑު ހަވާލުކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިހުތިސޯސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާއި ހަވާލުކުރުމުގެ ގަވާއިދުގެ ދަށުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހައުސިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި ސިޓީ ކައުންސިލާއި ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑު ބާއްވަން ޖެހޭނީ އާންމުންގެ ލުއިފަސޭހައަށް ބޭނުންކުރެވޭ ޕަބްލިކް އޯޕަން ސްޕޭސް އެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އެއްބަސްވެފައި ވީނަމަވެސް އެއާއި ޚިލާފަށް ސިޔާސީ ހަރާކަތް ހިންގުމަށް ވަކި ސިޔާސީ ޕާޓީއަކަށް ދިގުމުއްދަތަކަށް ސިޓީ ކައުންސިލުން އެތަން ދޫކޮށްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން އެއްބަސްވުމާއި ޚިލާފު ވުމުން އެއްބަސްވުމާއި އެއްގޮތަށް އެތަން ބޭނުންކުރުމަށް އަންގައި މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހާއި މާޗް 28 ވަނަ ދުވަހާއި އަދި އޭޕްރީލް 18 ވަނަ ދުވަހު ސިޓީ ކައުންސިލަށް ލިޔުމުން އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް އެ އެންގުންތަކަށް ސިޓީ ކައުންސިލުން ތަބާވެފައި ނުވާތީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުން އެތަން ސިޓީ ކައުންސިލްގެ އަތުން ނެގުމަށް ނިންމިކަމަށެވެ.

އަދި އެ ނިންމުމާ އެއްގޮތަށް މިދިޔަ މަހުގެ 14 އިގެ ކުރިން އުސްފަސްގަޑު ހައުސިން މިނިސްޓްރީއާއި ހަވާލުކުރަން އެންގުމުން މިއަދާއި ހަމަޔަށްވެސް އެތަން ހަވާލުކޮށްފައި ނުވާތީ އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާއި ހަވާލުކުރުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އުޝާމް ވަނީ އެދިފަ އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ސިޓީކައުންސިލުން އެދުމުން އެ ފުރުސަތު ދެއްވުމަށް ފަހު އެވެ.