އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަޝްރޫއު ހުއްޓުވާ ދިނުމަށް އެދި އޭސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް ހިނގަމުންދިޔަ ހުރިހާ އަޑު އެހުންތަކެއް ސްޕްރީމް ކޯޓުން ބާތިލް ކުރުމާއި ގުޅިގެން އަނެއްކާވެސް އެ މައްސަލަ އޭސީސީން ހައިކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ބޯޑާ ކޮންޓްރޯލް މަޝްރޫއު ހުއްޓުވާލުމުގެ ބާރު އޭސީސީ އަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމާއި ގުޅިގެން ބޭއްވި އަޑު އެހުންތައް ސްޕްރީމް ކޯޓުން ބާތިލް ކުރީ އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗު ޣައިރު ގާނޫނީ ކަމަށް ކަނޑައެޅުމަށްފަހު އެވެ.

އެންޓި ކޮރަޕްޝަން (އޭސީސީ)ގެ މެންބަރު އަބްދުﷲ ހިލްމީ މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމަށް އަލުން ހައިކޯޓަށް އެ މައްސަލަ މިއަދު ވައްދާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ޕްރޮޖެކްޓް ހުއްޓާލާފައި ބޭއްވުމުގެ ވަގުތީ އަމުރަކަށްވެސް އެދުނު ކަމަށެވެ.

" އަޅުގަނޑުމެން އޭގެ [އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމް މަޝްރޫއު ހުއްޓުވާ ދިނުމުގެ] ވަގުތީ އަމުރަކަށް އަނެއްކާވެސް އެދިއްޖެއީން. ހައިކޯޓުން މެންޑަމާސް އަމުރާއި ގުޅިގެން އަޑު އެހުންތައް ބާތިލް ކަމަށް އެވަނީ ކަނޑައަޅާފައި. އެހެންވީމަ އަލުން އަނެއްކާވެސް ކުރިން އެދިފައިވާގޮތަށް މައްސަލައިގައި ވަކި ގޮތަށް ނިމެންދެން މަޝްރޫއު ހުއްޓުވާދިނުމުގެ ވަގުތީ އަމުރަކަށް މި އެދުނީ،"ހިލްމީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނެރުނު "މެންޑަމާސް އަމުރު"ގައި ވަނީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލަން އޭސީސީ އަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލުމަށް އިސް ފަނޑިޔާރު އޭޕްރީލް 12 ވަނަ ދުވަހު އެކުލަވާލެއްވި ބެންޗަށް މެއި މަހުގެ ތިން ވަނަ ދުވަހު ބަދަލު ގެނެސް، އެ ބެންޗުން އިސް ފަނޑިޔާރު އަހްމަދު ޝަރީފް ވަކިކޮށްފައިވާ ކަމަށެވެ.

އަދި އެކަންކޮށްފައި ވަނީ ކޯޓްތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓުން ބެންޗަށް ބަދަލު ގެނެސްގެން ބޭއްވި ޝަރީއަތްތަކުން ނިންމާފައިވާ ނިންމުތައް ބާތިލްކޮށް، ކުރީގެ ބެންޗުން މައްސަލަ އަލުން ބެލުމަށް ހައި ކޯޓަށް އަމުރުކުރާ ކަމަށް ސްޕްރީމް ކޯޓުން ނެރުނު އެ އަމުރިގައިވެ އެވެ.