މޫދުގައި އެތައް އިރަކު އުޅުމަށްފަހު ރަޔާންއަށް ގެއަށް އާދެވުނީ މެންދުރުވާން އުޅެނިކޮށެވެ. ގޭތެރެއިން ޔަލްވީ ފެންނަން ނެތުމުން އަދިވެސް ހޭނުލަނީކަން ރަޔާންއަށް އެނގުނެވެ. ރަޒީނާ ސުވާލުކުރާނެ ކަން އެނގޭތީ، މަންމަ ފެނުމުގެ ކުރިން ކޮޓަރިއަށް ވަނުމަށް ރަޔާން އަވަސްވެގަތެވެ.

********

"ދަރިފުޅާ!" ރަޔާންގެ ފިޔަވަޅުތައް ހުއްޓުނީ ރަޒީނާގެ އަޑު އިވުމުންނެވެ. "ޔަލްވީގެ ހަބަރެއް ބަލާލަބަލަ! މިހާރު އެއޮއް ބާރަ ޖަހަނީ. މަންމަ ދެފަހަރަކު ގޮސް ޓަކިވެސް ޖަހާލައިފިން. ހަބަރެއް ނުވި"

"މިދަނީ ޔަލްވީއަށް ގޮވާލަން" ހަމަޖެހޭގޮތް ދައްކަމުން ރަޔާން ބުނެލިއެވެ. "މަންމަ ތަނަކަށް ދާންތަ ތިއުޅެނީ؟"

"މަންމަ މިދަނީ ޖަމީލާމެން ގެއަށް. ކުޑަކޮށް ލަސްވެދާނެ ގެއަށް އާދެވޭލެއް. ސައި ހަދާފަ ހުންނާނީ. މާ ލަސްނުކޮށް ދެކުދިން ސައިބޯތި!"

ރަޔާން ކޮޓަރިއަށް ވަތްއިރުވެސް ޔަލްވީ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. އަރާމުކޮށް ނިދާލާފައި އޮތްގޮތުން ޔަލްވީއަށް ގޮވަން އޭނާ ފަސްޖެހުނެވެ.

********

"ހާދަ ބައިވަރު ލޮނުމެދެއް ތި ނޮޅަނީ؟" އަމީރާ ބަދިގެއަށް ވަންއިރު ލިމްޔާ އިނީ ލޮނުމެދު ބަސްތާއެއް ހިފައިގެން ނޮޅާށެވެ. ބަސްތާގެ ދެބައިކުޅަ އެއްބައި ހުރީ ސާފުކޮށްފައެވެ.

"ނަޖޫ ބުނެގެން ކެފޭއަށް" ލިމްޔާ ދިނީ ކުރު ޖަވާބެކެވެ.

"ދަރިފުޅު ބުނީމެއްނު މިއަދު އޮފީހަށް ދާންޖެހޭ ވާހަކަ. ނުދަނީތަ؟" ދަރިފުޅުގެ ހާލަތު އެނގިހުރެ، އަމީރާ ސުވާލުކުރިއެވެ.

"އެ މަސައްކަތް ދެން މާދަން ނުކުމެފަ ކޮށްލާނީ" ހިނިތުންވެލި ނަމަވެސް، ލިމްޔާގެ މޫނުން އުފާވެރިކަމެއް ނުފެނުނެވެ.

"ދަރިފުޅު ބަލީތަ؟" ލިމްޔާގެ ނިތްކުރީގައި އަތް ޖައްސާލަމުން އަމީރާ ސުވާލުކޮށްލިއެވެ.

"ބައްޔެއް ނޫނޭ މަންމާ" ލިމްޔާ އަވަސް އަވަހަށް ބުނެލިއެވެ.

"އެކަމަކު ހާދަ ހުން ގަދައޭ. ހިނގާ އަވަހަށް މަރުކަޒަށް ދާން" އަމީރާ ހާސްވިއެވެ.

އަމީރާ ކުރުނުކޮށް ކިޔަން ފެށުމުން، ސިއްހީމަރުކަޒަށް ދާން ލިމްޔާ އެއްބަސްވިއެވެ.

"ހިނގާފަ ދެވޭނެތަ؟" ލިމްޔާ ތައްޔާރުވެގެން ނުކުތުމުން، އަމީރާ ސުވާލުކުރިއެވެ.

"ކުއްލިއަކަށް ވަރަށް ބޮލުގަ ރިއްސާ އެބަ. އެނބުރުން އަރާގޮތް ވަނީ. ތެދުވީމަ ހީވަނީ ވެއްޓޭހެން" ފާރުގައި އަތް ޖައްސާލަމުން ލިމްޔާ ހަމަޖެހިލަން މަސައްކަތްކުރިއެވެ. "މޭ އަންދާފަ، ވަރަށް އުނދަގޫވެފަ ހުންނަނީ. ވާހަކަ ދައްކަން ވެސް ވަރަށް އުނދަގޫ. ވަރަށް ބިރުގަނޭ. މިހާރު ބަނޑުގަވެސް ރިއްސަން ފަށައިފި. އަތްވެސް ހީވަނީ އައްސިވާހެން"

"ދަރިފުޅާ!" ދަރިފުޅުގެ ހާލު ފެނި، އަމީރާގެ ދެލޯ ފެންކަޅިވިއެވެ. "ހަމަޖެހިލަބަލަ"

"މަރުވާން އުޅޭއިރު ވަނީ މިހެންތަ މަންމާ؟" ލިމްޔާގެ ސުވާލާއިއެކު އަމީރާ ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ލިމްޔާ ގެނެސް މެޔާލައި ބޮނޑިކޮށްލިއެވެ.

"ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ. އެއްވެސް މީހަކަށް އެމީހެއްގެ މަރު އަންނާނެ ވަގުތެއް ނޭނގޭނެ. ދެން އެކަހަލަ ވާހަކަ ނުދައްކާތި! ދަރިފުޅަށް ކަމެއް ވެއްޖެއްޔާ މަންމަ ކިހާ ދެރަވާނެ" ލިމްޔާއަށް ވިސްނައިދޭން މަސައްކަތްކުރި ނަމަވެސް، އަމީރާވެސް ހުރީ ހާސްވެފައެވެ.

ބަލިވިޔަސް ލިމްޔާއަކީ ހިތްވަރުގަދަ ކުއްޖެކެވެ. ކެތްތެރިވެއެވެ. އެނޫނީ ދުވަހަކުވެސް ލިމްޔާ އެފަދަ ވާހަކައެއް ނުދައްކައެވެ. އަމީރާގެ ހިތުގައި ބިރުވެރިކަން އުފެދުނީ އެ ސަބަބަށްޓަކައެވެ. އަމީރާ އަވަސްވެގަތީ ދުއްވާ އެއްޗެއް ހޯދޭތޯ ބަލާށެވެ.

"މަންމަ އަންނާނަން ފޯނު ހިފައިގެން" ލިމްޔާ ސޯފާގައި ބައިންދާފައި އަމީރާ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

ބޮލަށް އެނބުރުން އަރާވަރުން ލިމްޔާ އިނީ ގުޑިލަންވެސް ނުކެރިފައެވެ. ތެދުވެލިޔަސް ވެއްޓޭހެން ހީވާތީ ސޯފާގައި އޮށޯވެލިއެވެ. ލޯހުޅުވާލުންވެސް ލިމްޔާއަށް ވީ ދަތިކަމަކަށެވެ.

ކުޑަކޮށް ތައްޔާރުވެލައިގެން އަމީރާ އައިއިރު ލިމްޔާ އޮތީ ލޯމަރާލައިގެންނެވެ. ހުންގަދަކަމުން ލިމްޔާގެ ގައިގައި އަތްލަންވެސް ނުކެރެއެވެ.

"އެކަކުވެސް ފޯނެއް ނުނެގި.... ދެން ކިހިނެއް ހަދާނީވެސް؟...." އަމީރާ ހާސްވީ، ލިމްޔާ ހޮސްޕިޓަލަށް ގެންދެވޭނެގޮތެއް ނެތުމުންނެވެ. މީހަކު ހޯދަން ބޭރަށް ދާން އުޅެފައިވެސް، ލިމްޔާ އެކަނި ބާއްވާފައި ދާން އަމީރާގެ ހިތް އެއްބަހެއް ނުވިއެވެ.

*********

ރަޔާން ފެންވަރާލައިގެން ނުކުތްއިރުވެސް ޔަލްވީ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. ޔަލްވީ އާއި ދިމާއަށް ބަލަހައްޓައިގެން ރަޔާންއަށް ކުޑައިރުކޮޅަކު ހުރެވުނެވެ. ރަޒީނާ އައުމުގެ ކުރިން ޔަލްވީ ހޭލައްވަން ހަދާނެ ގޮތަކާއި މެދު ރަޔާން ވިސްނިއެވެ. ރަޔާން ތައްޔާރުވެގެން ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެވެ. ބޮޑީސްޕްރޭ ފުޅި ނަގާ ބިންމައްޗަށް ވައްޓާލިއެވެ. ފުޅި ގޮސް ތަށިމުށިތަކުގެ މަތީގައި ޖެހުނު އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލިއެވެ. ރަޔާން ޔަލްވީ އާއި ދިމާއަށް ބަލާލީ އުއްމީދާއި އެކުގައެވެ. ނަމަވެސް އޭރުވެސް ޔަލްވީ އޮތީ ގަދަ ނިދީގައެވެ. ކަމެއް ވީހެންވެސް ހީނުވެއެވެ.

"ކީކޭ ޕާޓް؟" ރަޔާންގެ ފޯނުކޯލު ނެގިގޮތަށް އަފްސަމް އަހައިލިއެވެ.

"ވަރަށް އަވަހަށް މި ފޯނަށް ގުޅައިދީބަލަ" ރަޔާން އެދުނެވެ.

އަފްސަމް އިތުރު އެއްޗެއް ބުނުމުގެ ކުރިން ރަޔާން ފޯނު ކަނޑައިލިއެވެ. އެއަށްފަހު ޔަލްވީގެ ކަންފަތް ކައިރީގައި ފޯނު ބޭއްވިއެވެ. ގިނައިރެއްނުވެ، އަފްސަމް ގުޅަން ފެށިއެވެ. ފޯނު ރިންގްވާ އަޑު މުޅި ކޮޓަރީގައި ގުގުމައިލިއެވެ. ޔަލްވީ ދެލޯ ހުޅުވައިލުމެއްނެތި ފޯނު ކަނޑާލިއެވެ.

"ކީއްތަ ތި ކުރަނީ ގުޅާށޭ ކިޔާފަ؟" ފޯނު ބިޒީކޮށްލުމުން އަފްސަމް ހުރީ ހިތްހަމަނުޖެހިފައެވެ.

"އަންހެންކުއްޖަކު ހޭލައްވަން ހަދާނީ ކިހިނެއްތަ؟" ދެހިޔާލެއްގައި ހުރެފައި ރަޔާން ސުވާލުކުރިއެވެ.

"ތީ ދޯ ތި ވީ ގޮތަކީ" އަފްސަމް ހީގަތެވެ. "ކަމަނާފާނަށް އަދިވެސް އިރު ނާރަނީދޯ؟"

"މަންމަ އަންނަންވާއިރަށް އެކަން ކުރަން އެބަ ޖެހެޔޭ" ރަޔާން ހުރީ ހިތްއަވަސްވެފައެވެ.

"އަހަރެން ދާންވީތަ އޭނަ ހޭލައްވަދޭން؟" އަފްސަމް ކުރިއަށްވުރެ ބާރަށް ހީގަތެވެ. "ބަލަ އެއީ މިހާރު ރަޔައްޓެގެ އަނބިމީހާއޭ. ގިލިގިލިކޮއްޓާ، އުކުނޑިކޮއްޓާ ހަދަންވީނޫންތަ. އެހެން މީހަކު ނުދާނެދޯ އޭނަ ގައިގަ އަތްލާކަށް"

ރަޔާން ފޯނު ކަނޑާލިއިރުވެސް އަފްސަމް ހޭ އަޑު އިވެއެވެ. ރަޔާން ހުރީ އަފްސަމްގެ ކައިރީގައި އެ ވާހަކަ ބުނެވުނު މޮޔަ ހީވެފައެވެ.

ދެފިކުރެއްގައި ހުރެފައި، ރަޔާން ގޮސް އެނދުގައި އިށީންވެ. ޔަލްވީއަކީ އަނބިމީހާއަށްވިޔަސް، އެ ހަށިގަނޑުގައި އަތް ޖައްސާލަންވެސް ރަޔާން ޖެހިލުންވިއެވެ. އެކަމަކު، އަފްސަމް ބުނިހެން ޔަލްވީއަށް ގޮވަން ހަދާނެ އިތުރު ގޮތެއް ނެތެވެ. ރަޔާން ޔަލްވީގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވާލިއެވެ. ކޮންމެ ފަހަރަކުވެސް ޔަލްވީ ރަޔާންގެ އަތް ފޮޅުވައިލަނީއެވެ.

"ދެން މަންމާ! ކީއްތަ ތިކުރަނީ؟ ނުގޮވަބަލަ! ނިދާފައޭ މިއޮތީ" ނިދީގައި އޮވެ ޔަލްވީ ބުނެލިއެވެ. އަނެއްކާވެސް ރަޔާންގެ އަތް ފޮޅުވާލިއެވެ. "އަދި ވަންންން މިނެޓް... ޕްލީޒްޒްޒްޒް"

ޔަލްވީ ފުރޮޅިލާފައި ބާލީހުގައި ބައްދާލިއެވެ. ފަންކާގެ ވަޔާއިއެކު ޔަލްވީގެ ފަން އިސްތަށިގަނޑު މޫނަށް ގޯނާކުރަން ފެށިއެވެ. ރަޔާންއަށް ހިނިތުންވެލެވުނީ ބޭއިހުތިޔާރުގައެވެ. ބައެއް ފަހަރު ޔަލްވީގެ އަމަލުތައް ރަޔާންއަށް ކަމުދެއެވެ. ހިތަށް ދިރުން ގެނެސްދެއެވެ. ގޯސް ސިފަތަކެއް ހުއްޓަސް، އެ ސިފަތައް ބަދަލުކުރެވިދާނެހެން ހީވެއެވެ. އެހާވެސް ޔަލްވީ މައުސޫމުވެފައި ލޯތްބެވެ. ރަޔާންގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ހިތުގެ އެދުމަށް އިޖާބަދީ، ޔަލްވީގެ މޫނުމަތީގައި ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަދެވުނެވެ. ރަޔާންގެ އިނގިލިތަކުގެ ބީހިލުން އިހުސާސްވުމުން ޔަލްވީ ކުޑަކޮށް ތެޅިލިއެވެ. ނިދީގައި އޮވެ، ރަޔާންގެ އަތްމަތީގައި އަތް ބާއްވާލިއެވެ. ލިބުނު ސިހުމުގައި ރަޔާން އޭނާގެ އަތް ދަމައިގަތެވެ. ނިދީގައި ނަމަވެސް ޔަލްވީ އެފަދަ ކަމެއް ކުރުމުން ރަޔާންގެ ހިތަށް ގޮތެއް ވިއެވެ. ރަޔާން މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

********

"ކޮބާ ހޭލައިފި؟" ރަޔާން ފޯނު ނެގުމުން އަފްސަމް ސުވާލުކުރިއެވެ.

"މަ ބުނަންތަ ހަދަންވީ ގޮތެއް؟" ރަޔާން ޖަވާބެއް ނުދިނުމުން އަފްސަމް ބުންޏެވެ. "ކަންފަތްދަށުގަ ދުންމާރިއެއް ގޮއްވާ.. ނޫނީ ސެންޓުފުޅި ވައްޓާ ތަޅާލާ.. ދެން އޮތީ އެންމެ މުހިއްމު ކަންތައް. ރަޖާ ގަނޑާއެކީ އެނދުން ވައްޓާލާފަ ތަންގަނޑެއް ބިންދާލަބަލަ. ނޫނީ ހޫނުފެން އެއްޗެއް ގަޔަށް އޮއްސާލާ. މިހުރީ ހަމަ ހުސް ކުރެވޭނެ ކަންތަކެއްނު. މާ އަވަހަށޭ ތި ގޮތް ހުސްވަނީ...."

"މަޖަލެއް ނޫނޭ" ރަޔާން ހިތްހަމަނުޖެހުނެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން އޭނާ ހުރީ މަޖާކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ. "އަހަރެން ހީކުރީ އައިއްޓެއަށް އަންޑަސްޓޭންޑްވާނެ ކަމަށް...."

އަފްސަމް އިތުރު އެއްޗެއް ބުނުމުގެ ކުރިން ރަޔާން ފޯނު ކަނޑާލިއެވެ. ރަޔާން ހުރީ ފޫހިވެފައެވެ. އެންމެ ބޭނުންވި ވަގުތު އެކުވެރިޔާގެ އެއްބާރުލުން ނުލިބުމުންނެވެ. އަފްސަމް ދެފަހަރަކު ގުޅުމުންވެސް ރަޔާން ފޯނު ބިޒީ ކޮށްލީއެވެ.

********

"އައްސަލާމް އަލައިކުމް......" ގޭގެ ބޭރުން މީހަކު ސަލާން ގޮވާލި އަޑު އިވުނެވެ.

ރަޔާން ހުރީ ކައިގެން އަތް ދޮންނާށެވެ. ކޭ ތަށިތައް ނުދޮވެ، އޭނާ ބޭރަށް ނުކުތްއިރު ދޮރުމަތީގައި ތިބީ ނަފީސާ އާއި ނިމާލުއެވެ.

"މި.. މިއުޅެނީ.... އިށީންނަންވީނު...." ރަޔާން ބުނެލިއެވެ. އެފަދަ ވަގުތެއްގައި ނިމާލުމެން އައުމުން ރަޔާން ހުރީ ކަންބޮޑުވެފައެވެ.

ނިމާލު ގޭތެރެއަށް ވަދެ، ކާމޭޒަށް ނަޒަރު ހިންގައިލިއެވެ. ރަޔާން ސައިބުއި ތަށިތައް މޭޒުމަތީގައި ހުރުމުން، ސައިބުއީ ދެންމެކަން ނިމާލަށް އެނގުނެވެ. ރަޔާން އަވަސް އަވަހަށް ގޮސް، ތަށިތައް ދޮވެލާފައި އެނބުރި އައެވެ.

"ކޮބާ ޔަލްވީ؟" ގޮނޑީގައި އިށީންނަމުން، ނިމާލު ސުވާލުކުރިއެވެ. އެސުވާލު ކުރިމަތި ވާނެކަން މާކުރިންވެސް ރަޔާންއަށް އެނގުނެވެ.

"ނިދާފަ..." ދެފިކުރެއްގައި ހުރެފައި ރަޔާން ބުނެލިއެވެ.

"އަދިވެސް ހޭނުލަނީތަ؟" ގަޑި ބަލައިލަމުން ނިމާލު އަހައިލީ ކަންބޮޑުވެފައެވެ.

ނަފީސާގެ މޫނަށް ބަލައިލިއިރު، ނިމާލު އިނީ ހިތްހަމަނުޖެހިފައެވެ.

"ނަފީސާ ދޭ ޔަލްވީއަށް ގޮވަން. ބުނޭ ހަމަ މިހާރު ތެދުވާށޭ. މީ މީހުން އުޅެންވާނެ ގޮތްތަ؟ މީހަކާ އިނދެވުނީމަވެސް ހިތަށް އެރިހާ ގޮތަކަށް އުޅެން މީ އަމިއްލަ ގެއެއް ނޫނެއްނު. ފިރިމީހާގެ ކަންތައް ކޮށްދޭން ޖެހޭނީ މިހާރު ޔަލްވީއަށް. ބަރާބަރު ފަނަރަ މިނެޓް ތެރޭ ޔަލްވީ ހުންނަންޖެހޭނީ އަހަރެންގެ ކުރިމަތީގަ" ނިމާލުގެ އަޑުގައިވަނީ ހަރުކަށިކަމެވެ.

(ނުނިމޭ)