28 Jun 2012, 13:22
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ ޖަރުމަނާ ދެކޮޅަށް ނިކުނައިރު ޓީމާ މެދު އުންމީދު އެބޮތް ކަމަށް އިޓަލީގެ ކޯޗު ސެޒާ ޕްރާންޑެއްލީ ބުނެފި އެވެ.
ރާއްޖެ ގަޑިން މިރޭ 11:45 ގައި ޖަރުމަނާ ދެކޮޅަށް އިޓަލީ ނުކުތުމުގެ ކުރިން ކޯޗް ޕްރާންސްޑެއްލީ ބުނީ، ޖަރުމަނަކީ ޔޫރޯގައި އެންމެ ކާމިޔާބު ޓީމް ކަމުގައިވިޔަސް، އިޓަލީއާ މެދު އޮތް އުންމީދު ފަޑުވެގެން ނުދާނެ ކަމަށާއި ޖަރުމަންގެ މައްޗަށް ކުރި ހޯދުމުގައި އިޓަލީގެ ކުޅުންތެރިން ފަސް ނުޖެހޭނެ ކަމަށެވެ. އަދި މިރޭގެ މެޗުގައި އިޓަލީގެ ފަރާތުން ރީތި ފުޓްބޯޅައެއް ކުޅޭނެ ކަމާމެދު އުންމީދު ކުރާކަމަށް ވެސް ޕްރާންޑެއްލީ ބުނެފައި ވެއެވެ.
"ޖަރުމަން އަތުން ކާމިޔާބީއެއް ހޯދުމަށް ޓީމް އޮތީ ވަރަށް އުންމީދުގައި. ޓީމުގެ ފުރަތަމަ 11 އަށް މާބޮޑު ބަދަލުތަކެއް މިރޭގެ މެޗުގައި ނުގެންނާނަން. އަހަރެންގެ ޓީމް ކުޅޭނީ މޮޅުވާން. ޑިފެންސް ކުރުމެއްވެސް މާކަބޮޑަކަށް ނޯންނާނެ" ޕްރާންޑެއްލީ ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ފަހު މެޗްގައި ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުން އިންގްލެންޑް ބަލިކުރުމަށް ފަހު އެވެ.
އިޓަލީއާ ދެކޮޅަށް ސެމީ ފައިނަލުގައި ޖަރުމަން ނުކުންނަ އިރު، ޖަރުމަން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއް ޖަރުމަނަށް ކާމިޔާބު ކުރެވުނީ 1972ވަނަ އަހަރު ބެލްޖިއަމްގައި ބޭއްވި މުބާރާތުގައި 3-0 ލަނޑުން ޔޫއެސްއެސްއާރުގެ މައްޗަށް ކުރި ހޯދައިގެން ނެވެ. ދެވަނަ ފަހަރަށް ޖަރުމަނުން ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 1980 ވަނަ އަހަރު 1-2 ބެލްޒިއަމް އަތުން މޮޅުވެގެންނެވެ. އަދި ތިން ވަނަ ފަހަރަށް ޖަރުމަނުން ޔޫރޫ މުބާރާތް ކާމިޔާބު ކުރީ 1996 ވަނަ އަހަރު އިންގްލޭންޑުގައި ބޭއްވި މުބާރާތުގައި ޗެކްރިޕްބްލިކްއާ ވާދަކޮށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.
ތިން ފަހަރުގެ މަތިން ޖަރުމަން ޔޫރޯ ކާމިޔާބު ކޮށްފައިވާ އިރު، އިޓަލީއަށް ޔޫރޯ މުބާރާތެއް އަދި ކާމިޔާބު ކުރެވިފައި ވަނީ އެއް ފަހަރު އެވެ. އެއީ 1968 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައި ޔޫގޯސްލާވިޔާ އަތުން 2-0 ލަނޑުން މޮޅުވި ފަހަރު އެވެ.
މިރޭގެ މެޗުން ކުރި ހޯދާ ޓީމެއް މުބާރާތުގެ ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރު ވާއިރު، ފައިނަލުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައި ބައްދަލުކުރާނީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންނާ ދެކޮޅަށެވެ.