އިންގްލިޝް ޕްރިމިއާ ލީގުގެ މާލީ ގަވައިދުތަކާ ޚިލާފުވެފައިވާކަމަށް ބުނެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޕްރިމިއާ ލީގުން އުފުލާފައިވާ 115 ދައުވާގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.

ހަތަރު އަހަރުގެ ދިގު ތަހުގީގަކަށްފަހު ޕްރިމިއާ ލީގުން މިދައުވާތަށް ސިޓީއާ ދެކޮޅަށް އުފުލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އެކަން ބެލުމަށްވަނީ މިނިވަން ކޮމިޝަނަށް ހުށަހަޅައިފައެވެ. ޕްރިމިއާ ލީގުން ތުހުމަތު ކުރާގޮތުގައި ސިޓީން މާލީ ގަވައިދުތަކާ ހިލާފުވެފައިވަނީ 2009 ވަނަ އަހަރުން 2018 ވަނަ އަހަރާއި ދެމެދުއެވެ.

ނަމަވެސް ސިޓީން މިހާރުވެސް ބުނަމުން އަންނަނީ މިވާހަކަތައް ފެށުނުއިރު ވެސް ބުނަމުންދިޔަ ގޮތަށް މިކަމުގައި އެ ކްލަބުން އެއްވެސް އޮޅުވާލުމެއް އަދި އެއްވެސް ގަވައިދަކާ ޚިލާފުވެފައި ނުވާނެކަމަށެވެ.

ޕްރިމިއާ ލީގުން ހާމަކުރާގޮތުގައި ކްލަބްގެ މާލީ ހާލަތު ރަނގަޅަށް އަންދާޒާ ކުރުމަށް ބޭނުންވާ ސައްހަ މަޢުލޫމާތު އެކްލަބުން ޕްރިމިއާ ލީގަށް ދިނުމުގައި އިހްމާލުވެފައިވެއެވެ. މީގެތެރޭގައި ކްލަބަށް ލިބުނު އާމްދަނީ އާއި ސްޕޮންސާގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ހިންގުމަށް ހިނގާފައިވާ ހަރަދުތައް ހިމެނެއެވެ.

މީގެއިތުރުން ސިޓީން ޕްރިމިއާ ލީގުން ކުރިއަށް ގެންދިޔަ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދީފައިނުވާކަމަށް ވެސް އެފަރާތުން ހާމަކުރެއެވެ.

ޕްރިމިއާ ލީގުން މިތަހުގީގު ފެށުމާއެކު ހާމަކޮށްފައިވަނީ އެއީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށާއި އަދި ޖަރުމަނުގެ ނޫހެއްކަމުގައިވާ ޑާ ސްޕިއެގަލްގައި އާންމުކުރި މަޢުލޫމާތުތަކަކީ ގަވައިދާ ހިލާފަށް ހެކް ކޮށްގެން ހޯދާފައިވާ މަޢުލޫމާތުތަކެއް ސައްހަކަން ގެއްލޭ ގޮތުގައި ބައެއް ބައިތައް މަދުކޮށް ކޮށްފައިވާކަމެއްގެ ގޮތުގައެވެ. ލަންޑަންގެ އިންޓަނޭޝަނަލް ޑިސްޕިއުޓް ރެޒޮލިއުޝަން ސެންޓާގައި މިއަދު ފެށި މިއަޑުއެހުންތައް 10 ހަފްތާއަށް ކުރިއަށް ދާނެކަމަށްވަނީ ބެލެވިފައެވެ.

2008ވަނަ އަހަރު އަބޫ ދާބީ ޔުނައިޓެޑް ގްރޫޕްއިން މެންޗެސްޓާ ސިޓީގެ މެޖޯރިޓީ ހިއްސާ ގަތް ފަހުން މިހާތަނަށް ޕްރިމިއާ ލީގުގެ ތަށި އެކްލަބުން އަށް ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. އަދި މީގެއިތުރުން އެހެން ތަށި ތަކުގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށިވެސް ސިޓީއިވަނީ ކާމިޔާބު ކޮށްފައެވެ.

ސިޓީ އާއި ދެކޮޅަށް އުފުލާފާވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ:

* 2009-2010 ވަނަ ސީޒަންއިން 2017-2018 ވަނަ ސީޒަނާއި ދެމެދުގެ ސައްހަ މާލީ މަޢުލުމާތު ހިއްސާ ކޮށްފައިނުވުމުގެ 54 ދައުވާ

* 2009-2010 ވަނަ ސީޒަންއިން 2017-2018 ވަނަ ސީޒަނާއި ދެމެދު ކުޅުންތެރިންނާއި ކޯޗުންނަށް ދިފައިވާ ފައިސާގެ ސައްހަ މަޢުލޫމާތު ހިއްސާ ކޮށްފައިނުވުމުގެ 14 ދައުވާ

* 2013-2014 ވަނަ ސީޒަނުން 2017-2018 ވަނަ ސީޒަނާއި ދެމެދު ޔުއޭފާގެ ގަވައިދުތަކަށް ހާއްސަކޮށް ފައިނޭޝިއަލް ފެއާ ޕްލޭ އާއި ހިލާފުވެފައިވުމުގެ ފަސް ދައުވާ

* 2015-2016 ވަނަ ސީޒަން އިން 2017-2018 ވަނަ ސީޒަނާއި ދެމެދު ޕްރިމިއާ ލީގުގެ ޕީއެސްއާރު ގަވައިދާ ހިލާފުވެފައިވުމުގެ 7 ދައުވާ

* 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ ފެބްރުއަރީ އާއި ހަމައަށް ޕްރިމިއާ ލީގުގެ ތަހްގީގަށް އެއްބާރުލުން ނުދިނުމުގެ 35 ދައުވާ.

މިއަޑުއެހުންތައް މިއަހަރުގެ ނޮވެމްބަރާ ހިސާބުގައި ނިމުނު ނަމަވެސް މިނިވަން ކޮމިޝަންގެ ނިންމުން އާންމު ކުރާނެކަމަށް ބެލެވިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. އަދި މިފަހަރުގެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އެޕީލް ކުރުމުގެ ފުރުސަތު ލިބިގެން ނުދާނެކަމަށްވެއެވެ.

ނަމަވެސް ނާކާމިޔާބު ވާ ފަރާތަކުން އަލުން އެޕީލްކޮށް އެހެން މިނިވަން ޕެނެލްގެ ކުރިމައްޗަށް މިދައުވާގެ އަޑުއެހުން އަލުން ބޭއްވުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅިވިފައިވެއެވެ.

މިމައްސަލައާ ގުޅިގެން މިހާރުވެސް ޕްރިމިއާ ލީގާއި ސިޓީ އަތުން އެތައް މިލިއަން ޕައުންޑެއް ހަރަދުވެފައިވާކަމަށްވެއެވެ. އަދި މި އަޑު އެހުންތަކާއެކު މިހަރަދުތައް އިތުރަށް ބޮޑުވެގެންދާނެއެވެ. މިކަމަށް ޕްރިމިއާ ލީގުން ކުރާ ހޭދަ ބަހާލެވިގެންދާނީ ޕްރިމިއާ ލީގުގައި ހިމެނޭ 20 ކްލަބަށެވެ. މީގެތެރޭގައި މިވަގުތު ސިޓީ ވެސް ހިމެނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރުގެ އަޑުއެހުމުގައި ވެސް ސިޓީން ބޭނުން ކުރަމުން ދަނީ ޔުއޭފާއާ ދެކޮޅަށް ކުރި އެޕީލް ކާމިޔާބު ކޮށްދިނުމުގައި ވެސް ސިޓީގެ ކޭސް ގެންގުޅުނު ލޯޑް ޕެނިކް ކޭސީއެވެ.

އޭނާ އަކީ ގަޑިއިރަކަށް ފަސް ހާސް ޕައުންޑް އޭނާގެ ހިދުމަކަށް ޗާޖުކުރާ ފަރާތެކެވެ. އަދި ޕްރިމިއާ ލިގުގެ ފަރާތުން ވަކާލާތު ކުރާނެކަމަށް ބެލެވިފައިވަނީ ކުޅިވަރާއި ބެލޭ ގާނޫނުގެ މާހިރެއް ކަމަށްވާ އެޑަމް ލުއިސް ކޭސީއެެވެ.