މީގެ ތިން އަހަރު ކުރިން ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށި ދެކުނު ކޮރެއާގެ ސީރީސް "ސްކްއިޑް ގޭމްސް"އަކީ ބޮލީވުޑްގެ ފިލްމެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ސީރީސްއެއް ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ބުނެފިއެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައި ސީރީސް "ސްކްއިޑް ގޭމްސް"އަކީ ކޮޕީއެއް ކަމަށާއި އެ ސީރީސް އުފައްދާފައި ވަނީ 2009 ވަނަ އަހަރު ރިލީޒްކުރި ސަވައިވަލް ޑްރާމާ "ލަކް"ގެ ޕްލޮޓް ކޮޕީކޮށްގެން ކަމަށް ބުނެފައި ވަނީ އެ ފިލްމުގެ ޑައިރެކްޓަރު ސޯހަމް ޝާހްއެވެ.

ސޯހަމް ދައުވާކޮށްފައިވާ ގޮތުގައި "ސްކްއިޑް ގޭމްސް"ގެ ކެރެކްޓާތައް ވެސް ގެނެސްދީފައި ވަނީ "ލަކް"ގައި ގެނެސްދިން ކެރެކްޓާސްއާ ދާދި އެއްގޮތަށް ކަމަށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ޓައިމްސް ނޫހުން ބުނެފައިވާ ގޮތުގައި ސޯހަމް ވަނީ ނެޓްފްލިކްސް އާއި "ސްކްއިޑް ގޭމްސް"ގެ ޑައިރެކްޓަރާ ދެކޮޅަށް މި މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

"ސްކްއިޑް ގޭމްސް"އަކީ އެ ސީރީސްގެ ޑައިރެކްޓަރު ވަންގް ޑޮންގް-ހީކް--ފޮޓޯ/ފޭސްބުކް
ދުނިޔޭގެ އެންމެ ބޮޑު އެއް ސްޓްރީމިންގް ޕްލެޓްފޯމްއިން މިކަމާ ގުޅިގެން ރައްދު ދެމުން ބުނެފައި ވަނީ ސޯހަމްގެ ދައުވާ އަކީ އެއްވެސް ތާކުންތާކު ނުޖެހޭ މާނައެއް ނެތް ދައުވާއެއް ކަމަށެވެ.

ދުނިޔޭގެ އެތައް ބައެއްގެ ޝައުގުވެރިކަން ދަމައިގަނެފައިވާ "ސްކްއިޑް ގޭމްސް"އަކީ އެ ސީރީސްގެ ޑައިރެކްޓަރު ވަންގް ޑޮންގް-ހީކްގެ އަމިއްލަ އުފެއްދުމެއް ކަމަށާއި ސޯހަމްގެ ދައުވާއިން ދިފާއުވެވޭނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

ސޯހަމް ޝާހް 2009 ވަނަ ގެނެސްދިން "ލަކް"އަކީ ކުރީގެ ފިލްމީ ތަރި އިމްރާން ޚާން، ސަންޖޭ ދަތު އަދި ބަތަލާ ޝްރޫތީ ހަސަން މުހިއްމު ރޯލް ކުޅެފައިވާ ފިލްމެކެވެ.

މި ފިލްމު ބިނާކޮށްފައި ވަނީ ނުރައްކާތެރި އެކި ކަހަލަ ޓާސްކްތައް ފުރިހަމަކުރުމަށް ފަހު އޭގެއިން ފައިސާ ހޯދާނެ ގޮތުގެ މައްޗަށެވެ.

"ސްކްއިޑް ގޭމްސް"އަށް ދައުވާ ކުރަން ނިންމާފައިވާއިރު މި ސީރީސްގެ ދެވަނަ ސީޒަން މި އަހަރުގެ ޑިސެމްބަރު މަހުގެ 26ގައި ޕްރިމިއާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.