ސައިކަލެއް ފޭރުނުކަމުގެ ތުހުމަތުގައި ޒުވާނަކު މިއަދު 15 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން މިއަދު ހިއްސާކުރި މެސެޖެއްގައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތުގައި ގުލާބީމަގުން ސައިކަލެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލޭ މ. މާކަނާ އުމުރުން 30 އަހަރުގެ އަޙްމަދު ޝައިރަފް އަބްދުއްރަޙީމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މި ފަހަކަށް އައިސް މާލޭގަޔާ އަތޮޅުތެރޭގައި ވެސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އަންނަނީ އިންތިހާއަށް އިތުރުވުމުންނެވެ. މީގެ ތިން ވަރަކަށް ދުވަސް ކުރިން ވެސް ވަނީ ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައެވެ.