28 Jun 2012, 12:34
ޗެމްޕިއަން ސްޕޭން އަތުން ޕެނަލްޓީ ޖަހައިގެން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނުގޮސް ޕޯޗުގަލް ބަލިވި މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ޖަހަން ނުދިޔައީ ޕްލޭނެއް އޮތުމުން ކަމަށް ކޯޗު ޕައުލޯ ބެންޓޯ ބުނެފި އެވެ.
"އަހަރުމެންގެ ޕްލޭނެއް އޮތް. ފަސް ވަނަ ޕެނަލްޓީ ޖަހަން އޮތީ ރޮނާލްޑޯ. އަހަރުމެން ކަންތައްކުރަނީ ތަފާތުކޮށް. ފަސް ވަނަ ޕެނަލްޓީ ޖަހަން ފުރުސަތު ލިބުނުނަމަ ރޮނާލްޑޯ ދާނެ،" ބެންޓޯ ބުންޏެވެ.
މުބާރާތުގައި ތިން ގޯލު ޖަހާދީފައިވާ ރޮނާލްޑޯ ޕެނަލްޓީ ޖަހަން ނުދިއުމުން އެކަމާމެދު މީޑިޔާތަކުން ވަނީ ސުވާލު އުފައްދައި ފާޑުކިޔަން ފަށާފަ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ރޮނާލްޑޯ އަށް ފަސް ވަނަ ޕެނަލްޓީ ޖަހަން ފުރުސަތު ނުލިބުނީ ޕޯޗުގަލްގެ ހަތަރު ވަނަ ޕެނަލްޓީ ބުރޫނޯ އަލްވެޒް އަތުން ނާކާމިޔާބުވެ، ސްޕޭނުގެ ފަސްވަނަ ޕެނަލްޓީ ސެސް ފަބްރިގާސް ކާމިޔާބު ކުރުމުންނެވެ.
ޕޯޗުގަލްގެ ތިން ވަނަ ޕެނަލްޓީ ލުއިސް ނާނި ޖެހުމުގެ ކުރިން ވެސް ކުޅުންތެރިންގެ މެދުގައި ހިޔާލުތަފާތުވުމެއް އުޅުނެވެ. ތިން ވަނަ ޕެނަލްޓީ ޖަހަން ފުރަތަމަ ދިޔައީ އަލްވެޒް އެވެ. ނަމަވެސް ފަހުން އެ ޕެނަލްޓީ ޖަހަން ނާނި ދިޔައީ އަލްވެޒް އަށް ގޮވައި ގެނައުމަށްފަހު އެވެ. މިކަމާ ބެހޭ ގޮތުން ކޯޗު ބެންޓޯ ބުނީ އަލްވެޒް އާއި ނާނިއާ ދެ މީހުންނަށް ޕެނަލްޓީގެ ތަރުތީބު އޮޅުން އެރީ ކަމަށެވެ.