މޯލްޑިވްސް ބްރޯޑް ކާސްޓިން ކޯޕަރޭޝަން [އެމްބީސީ]ގެ ގާނޫނުން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ބޯޑްގެ ބާރުގެ ދަށަށް ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު ގެނެސް އެ ދެ ތަން މިނިވަން ކުރުމަށް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށް ރާއްޖެ ޗެމްބާސް އިން މިއަދު ބުނެފި އެވެ.


ދިވެހި ގައުމީ ޕާޓީގެ ވެސް އިސް ވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދާއި ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލު އަހުމަދުގެ ލޯ ފާމް، ރާއްޖެ ޗެމްބާސްގެ އޮފިޝަލަކު ވިދާޅުވީ ޓީވީ އާއި ރޭޑިއޯ މިނިވަން ކުރުމަށް އިދިކޮޅު ޕާޓީތަކާ ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި އެ ޗެމްބަރުން އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.


އެމްބީސީގެ ބޯޑް ޗެއާމަން އިބްރާހީމް އުމަރު މަނިކު ވެސް މިއަދު ވިދާޅުވީ، ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ރާއްޖެ ޗެމްބާސް އާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.


ރާއްޖެ ޗެމްބާސްގެ އޮފިޝަލު ވިދާޅުވީ ސަރުކާރާ ދެކޮޅަށް ކުރާ ދައުވާގައި ފުރަތަމަ އެދޭނީ އަޑާއި ޓީވީއެމްގެ އެއްވެސް މުދަލެއް ވިއްކައި ބަދަލުކޮށް ނުވަތަ މުއާމަލާތެއް ހިންގުން މަނާކޮށް ދިނުމުގެ ވަގުތީ އަމުރަކަށް ކަމަށެވެ.


އެއްފަރާތުން ކޯޓްގެ މަރުހަލާ ކުރިއަށް ދާއިރު، އެމްބީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެތިން މަސްވީ އިރު ވެސް ޓީވީ އާއި ރޭޑިއޯގެ އެންމެހާ ތަކެތި ގާނޫނީ ގޮތުން އުފެދިފައިވާ ބޯޑަށް ހަވާލުކޮށްފައި ނުވާތީ، އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ.


ޑީއާރުޕީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާ ތަމްސީލު ކުރައްވާ، ތަސްމީނު އަލީ މިއަދު ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާނޫނުގައިވާ ގޮތަށް ޓީވީ އާއި ރޭޑިއޯ މިނިވަން ކުރުމަށް އެ ޕާޓީ އަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ މަސައްކަތް ކުރައްވާނީ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ކުރައްވާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.


ތަސްމީނު ވިދާޅުވީ ރާއްޖެ އާއީ ރާއްޖެ އިން ބޭރުގައި ޕްރެޝާ އުފައްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.


ދައުލަތުގެ އެ ދެ މީޑިއަމް މިނިވަން ނުވެ، ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީން ބައިވެރިވާނެތޯ ދެންނެވުމުން ތަސްމީނު ވިދާޅުވީ އެކަމާ ބެހޭ ގޮތުން އަދި ގޮތެއް ނިންމަވާފައި ނުވާ ކަމަށެވެ. އަދި ދިވެހި ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދު ވެސް ވިދާޅުވީ ހަމަ އެހެންނެވެ.


ނަމަވެސް ޕީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނު ސަންއެފްއެމް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާނޫނުގައިވާ ގޮތަށް ގައުމީ ޓީވީ އާއި ގައުމީ ރޭޑިއޯ  މިނިވަން ނުކުރެވޭ ނަމަ އެ ޕާޓީގެ ވިސްނުމަކީ ލޯކަލް ކައުންސިލްގެ އިންތިހާބު ބޮއިކަޓް ކުރެއްވުން ކަމަށެވެ.


"ދައުލަތުގެ މީޑިއާ މިނިވަން ނުކޮށް އިންތިހާބުގައި ބައިވެރި ނުވުން، އަޅުގަނޑުމެންގެ ސްޓޭންޑަކީ." ޔާމީން ވިދާޅުވި އެވެ.


ދައުލަތުގެ ދެ މީޑިއަމް އެމްބީސީގެ ދަށަށް ގެންދިއުމަށް ގާނޫނުން ކަނޑައަޅައި އެ ކޯޕަރޭޝަންގެ ބޯޑް އެކުލަވާލިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޓީވީއެމްގެ ނަން، އެމްއެންބީސީ ވަން އަދި ދިވެހިރާއްގޭގެ އަޑުގެ ނަން ރާއްޖެ ރޭޑިއޯގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ.