ފަތުރުވެރިކަމަށް ދޫކުރާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ލިސްޓުން ތިން ރަށެއް އުނިކުރުމަށް ފަހު، އިތުރު ރަށަކާއި ހަ ފަޅެއް އެ ލިސްޓަށް މިއަދު އިތުރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ މި އިސްލާހަކީ، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށް ޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން، އެ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިއުލާނަށް ގެނައި ތިންވަނަ އިސްލާހު ކަމަށެވެ.

އެ އިސްލާހުގައި ވަނީ ތިން ރަށެއް އުނިކުރުމަށްފަހު އިތުރު ރަށަކާއި ހަ ފަޅެއް އިތުރުކޮށްފައެވެ.

އެ އިސްލާހުގައި އުނިކޮށްފައިވާ ތިން ރަށަކީ:

  • ޅ. ދިއްފުށި (ޅ. މައިދޫއާއެކު) - 20.99+15.17 ހެކްޓަރު

  • ތ. ކަނިމީދޫ - 10 ހެކްޓަރު
  • ގދ. ކަޅެހުއްޓާ

އެ އިސްލާހުގައި އިތުރުކޮށްފައިވާ ރަށާއި ހަ ފަޅު:

  • ގދ. ރާވެރިންކޮޅިހުއްޓާ (އިތުރުކޮށްފައިވާ ރަށް) - 0.77 ހެކްޓަރު

  • ބ. އަތޮޅުން ދޫކުރާ ފަޅު - 0.60 ހެކްޓަރު
  • ކ. އަތޮޅުން ދޫކުރާ އެއްވަނަ ފަޅު - 0.20 ހެކްޓަރު
  • ކ. އަތޮޅުން ދޫކުރާ ދެވަނަ ފަޅު - 82 ހެކްޓަރު
  • ކ. އަތޮޅުން ދޫކުރާ ތިންވަނަ ފަޅު - 47 ހެކްޓަރު
  • ވ. އަތޮޅުން ދޫކުރާ ފަޅު - 0.14 ހެކްޓަރު
  • އދ. އަތޮޅުން ދޫކުރާ ފަޅު - 0.35 ހެކްޓަރު

ޓޫރިޒަމް މިނިސްޓްރީން ބުނީ ލިސްޓަށް އިތުރުކޮށްފައިވާ ރަށާއި ފަޅުތަކުގެ ލީޒް އެކިއުޒިޝަން ކޮސްޓް ހިސާބުކުރެވޭނީ އެ މިނިސްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

ކުރިން ކުރި އިއުލާނުގައި ބުނެފައި ވަނީ ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 8،495،150 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

އެގޮތުން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ފަޅުގެ ވަކި ސަރަޙައްދެއް ކުއްޔަށް ނެގުމަށް ހުށަހަޅާނަމަ އެ ސަރަޙައްދާއި އެ ސަރަޙައްދުގެ ބޮޑުމިން އެނގޭނެހެން ފާހަގަކޮށް ޕްރޮޕޯސަލްގައި ހިމަނަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމްމިނިސްޓްރީގެ ވެބްސައިޓުންލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.