ރާއްޖެއަކީ އަބަދުވެސް މެރިން ރިޒާވެއް ކަމަށާއި ، މެރިން ރިޒާވަކަށް ހެދުމަށް ރާއްޖެ އަލުން ކުރަން ޖެހޭ ކަމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) އަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް ނަޝީދު ވިދާޅުވީ ހިމާޔަތް ކުރުން އެއީ ރަނގަޅު ކަމެއް ކަމަށާއި ބަޣާވާތަކުން އައި ސަރުކާރަކުން ވެސް ރަނގަޅު ކަމެއް ކުރާނަމަ އެއީ ރަނގަޅު ކަމެއް ކަމަށެވެ.

"ހިމާޔަތް ކުރުމަކީ ރަނގަޅު ކަމެއް، ބާޣީ ސަރުކާރަކުން ކުރިޔަސް، ރަނގަޅު ކަމެއް ވާނީ ރަނގަޅު ކަމަކަށް، އެކަމަކު ދިވެހިރާއްޖެއަކީ އަބަދުވެސް މެރިން ރިޒާވެއް، އެކަމަށް ކުރަން ޖެހޭ އެއްވެސް ކަމެއް ނެތް، " ރައީސް ނަޝީދު ވިދާޅުވި ކަމަށް އޭއެފްޕީ ބުންޏެވެ.

ރައީސް ނަޝީދު އަދި ވިދާޅުވެފައި ވަނީ ރާއްޖޭގައި މިއަހަރު ރިޔާސީ އިންތިހާބެއް ނުބޭއްވިއްޖެ ނަމަ ދެން އިންތިހާބެއް ބޭއްވިދާނެ ކަމާ މެދު ޝައްކުކުރައްވާ ކަމަށެވެ. އަދި އިންތިހާބެއް ނުބޭއްވުމަށް މިހާރުގެ ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

" އެމީހުންނަށް އެކަށީގެންވާ ވަގުތު ލިބިއްޖެ ނަމަ، އެމީހުންގެ ގޮތްތައް ވަރުގަދަކޮށް ދަމަހައްޓާނެ، އިންތިހާބެއް ނުވެސް ބޭއްވޭ ފަދަ މާހައުލެއް އެމީހުން އުފައްދަފާނެ،" ރައީސް ނަޝީދު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ރާއްޖެ މެރިން ރިޒާވަކަށް ހެދުމަށް ކުރަން ޖެހޭ އިތުރު ކަމެއް ނެތް ކަަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދެެއްކެވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު މެރިން ރިޒާވަކަށް ހެދުމަށް ނިންމެވިކަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިއުލާން ކުރެއްވި ކުރެއްވުމާ ގުޅިގެން އޭއެފްޕީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.