28 Jun 2012, 11:55
ޖަރުމަނު ވިލާތް ޔޫރޯގައި ކުޅޭ ކޮންމެ މެޗެއްގެ ކުރިންނާއި ފަހުން ވެސް އެސްއެމްއެސް މެދުވެރިކޮށް ޖަރުމަނުގެ ކޯޗު ޖޯހިމްލޯއާ ވާހަކަ ދައްކާ ކަމަށް ޖޯގަން ކްލިންސްމަން ބުނެފި އެވެ.
ކްލިންސްމަނަކީ ޖަރުމަނުގެ ކުރީގެ ކޯޗެވެ. އޭނާގެ ކޯޗުކަމުގައި ލޯ ހުރީ އެސިސްޓެންޓް ކޯޗަކަށެވެ. ލޯ ޓީމާ ހަވާލުވީ 2004 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ނިމެންދެން ކޯޗުކަމުގައި ކހުރި ކްލިންސްމަން އިސްތިއުފާދިނުމުންނެވެ.
ބީބީސީގެ އެނަލިސްޓެއްގެ ގޮތުން މިރޭގެ މެޗަށް ޕޮލެންޑަށް ގޮސްހުރި ކްލިންސްމަން އޭނާގެ ކޮލަމްގަިއ ބުނެފައިވަނީ އޭނާގެ ރަހުމަތްތެރިޔާ ޖަރުމަނު ޓީމާއެކު ލޯ ހޯދަމުން އަންނަ ކާމިޔާބީތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"އޭނާ އަށް އެނގޭނެ އަހަރެން މި މެޗަށް އައިސްހުރިކަން. އަހަރުމެން ދެމީހުން ކޮންމެ މެޗެއް ފެށުމުގެ ކުރިން ވެސް އަދި މެޗަށް ފަހު ވެސް އެސްއެމްއެސްކުރަން. ޖަރުމަނު ޓީމުގެ ކުރިއާއި މެދުތެރޭގައި ތިބީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކުރާނެ ކުޅުންތެރިން. ވަރަށް ސާފުކޮށް އަހަރެން ބުނާނީ މިރޭ މޮޅުވާނީ ޖާމަނީއޭ،" ކްލިންސްމަން ބުނެފައިވެ އެވެ.
ނަމަވެސް އޭނާ ބުނީ މިރޭގެ މެޗު ވެގެންދާނީ ވަރަށް ހަމަހަމަ މެޗަކަށް ކަމަށެވެ. އަދި އިޓަކީ ހުއްޓުވޭނީ އަންދްރޭ ޕީރްލޯ ހުއްޓުވައިގެން ކަމަށެވެ.
"އަހަރެން އެމެރިކާގެ ކޯޗުކަމުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ފޯވަޑަކު (ކްލައިންޓް ޑެމްސީ) ގާތު ބުނީ ޕިރްލޯގެ ފައިބުޑުގައި ހުންނާށޭ. އޭގެ ސަބަބުން އޭނާ ހުއްޓިގެންދިޔަ. އަހަރެން އުއްމީދު ކުރަނީ ޖަރުމަނުވެސް މިގޮތަށް ހަދާނެ ކަމަށް. އެކަމަކު އެކަން ކުރަން އެމީހުންގެ 4-2-3-1 ފޯމިއުލާ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް ނުދެކެން. އެކަން ބިނާވާނީ ކޯޗު ކުޅުންތެރިން ރޮޓޭޓްކުރުވާ ގޮތެއްގެ މައްޗަށް،" ކްލިންސްމަން ބުނެފައިވެ އެވެ.
އޭނާ އަދި ބުނީ ޖަރުމަނުން ދެކެ އިޓަކީ ބިރުގަންނަން ޖެހޭ ވަރަށް ބައިވެރު ސަބަބުތައް އެބަހުރި ކަމަށާއި އިނގިރޭސިންނާއި އިޓަލީ ކުޅުނު މެޗުގައި ރޫނީ ޕިރްލޯ ކައިރީގައި ކުޅުނުނަމަ އިނގިރޭސިން މޮޅުވީސް ކަމަށެވެ. ނަމަވެސް ރޫނީގެ ކިބައިގައި އެފަދަ ފަންވަރެއްނެތް ކަމަށް ވެސް ކްލިންސްމަން ބުންޏެވެ.