28 Jun 2012, 11:42
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ލިބުނު ނާކާމިޔާބީގެ ސަބަބުން ނެދަލެންޑްސްގެ ކޯޗްކަމުން ބާޓް ވެންމާވިކް މަގާމުން އިސްތިއުފާ ދީފި އެވެ.
ކޯޗް ކަމުން މާވިކް އިސްތިއުފާ ދީފައިވާ ކަމަށް ބުނެ، ނެދަލެންޑްސްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޯޗް ކާމުގެ މަގާމުން މާވިކް އިސްތިއުފާ ދިނީ ޕޮލެންޑާއި ޔޫކުރޭންގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ނެދަލެންޑްސް ކުޅުނު ތިން މެޗުން ވެސް ބަލިވެ، ލިބުނު ނާކާމިޔާބުގެ ސަބަބުން ކަމަށެވެ. އަދި މާވިކް ކޯޗް ކަމުން އިސްތިއުފާ ދިނުމުން ނެދަލެންޑްސްއާކު ހަދާފައިވާ އެގްރިމެންޓް މިހާރު ބާތިލް ކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
އުމުރުން 60 އަހަރުގެ މާވިކް ނެދަލެންޑްސްގެ ކޯޗުކަމުގައި ހުރުމަށް އެގްރިމެންޓް ހަދާފައި ވަނީ 2016 ވަނަ އަހަރާ ހަމައަށެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީފަޅިން ވާދަކުރި ނެދަލެންޑްސްގެ ޓީމަށް ނާކާމިޔާބީއާ ކުރިމަތި ވިއިރު، ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ތިން މެޗުން ވެސް ބަލިވުމުން އެނބުރި ގައުމަށް ދާން ޖެހުނީ ހުސްއަތާއެވެ.
ނެދަލެންޑްސްގެ ކޯޗުކަމާ 2008 ވަނަ އަހަރު ހަވާލުވި މާވިކް ވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ފުޓްބޯޅަ މުބާރާތުގައި ވެސް ނެދަލެންޑްސް ފައިނަލާ ހިސާބަށް ގެންގޮސްދީފައެވެ. އެހެން ނަމަވެސް އެފަހަރުގެ މުބާރާތް ކާމިޔާބު ކުރީ ފީފާ ރޭންކިންގެ ކުރީގައި އޮތް ސްޕޭނެވެ.
ފީފާ ރޭންކިންގައި ނެދަލެންޑްސް މިވަގުތު އޮތީ 1234 ޕޮއިންޓާއެކު ދުނިޔޭގެ ހަތަރު ވަނައިގައެވެ.