ފްރެންޗް ލީގު އާންގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އާއި ބްރެސްޓް ބައްދަލުކުރި މެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 1-3 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ.

ނަމަވެސް މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ބްރެސްޓްއިންނެވެ. މި ލަނޑު މެޗުގެ 29ވަނަ މިނެޓުގައި އެ ޓީމަށް ލިބިގެންދިޔަ ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ރޮމައިން ޑެލް ކަސްޓިލޯއެވެ.

މި މެޗުގައި ޕީއެސްޖީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ އުސްމާން ޑެންބެލޭއެވެ. އަދި މި މެޗުގައި ޕީއެސްޖީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 73ވަނަ މިނެޓުގައި ފަބިއަން ރުއިޒް ޖަހާދިން ލަނޑުންނެވެ.

މި ލަނޑު ޖެހިތާ އެއް މިނެޓްފަހުން ޕީއެސްޖީގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޑެންބެލޭއެވެ.

މިކާމިޔާބީއާއެކު ޕީއެސްޖީ އުޅެނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށް ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ބްރެސްޓް އުޅެނީ 3 ޕޮއިންޓާއެކު 12 ވަނައިގައެވެ.

މި ލީގުގެ ދެވަނައިގާ އުޅޭ އޮލިމްޕިކް މާސޭ އާއި ނީސް ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ މާސޭއެވެ. މާސޭގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ 0-2 އިންނެވެ. މި މެޗުގައި އެ ޓީމުގެ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ނީލް މޯޕޭ އާއި ލުއިސް ހެންރީކޭއެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި މާސޭގެ ދެރެކް ކޯނޭލިއަސްއަށް ރަތް ކާޑެއްވެސް ދައްކާފައިވެއެވެ.

މިނަތީޖާ އާއެކު މާސޭ މިހާރު އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ނީސް އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައިގައެވެ.