15 Sep 2024, 11:48
އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި ވެނެޒިއާ ބައްދަލުކުރި މެޗު މިލާން އިން ކާމިޔާބުކޮށް މި ސީޒަންގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެއެވެ.
މިލާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފަސޭހަކަމާއެކު 0-4 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާން އިންނެވެ.
މިފަހަރު ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެ ދެ މެޗުން ބަލިވެފައިވާ މިލާން މި މެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ.
މިގޮތުން މެޗުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި މިލާންއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތިއޯ ހެނާންޑޭޒްއެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައި ޔޫސުފް ފޮފާނާ ކާމިޔާބު ކޮށްދިން ލަނޑާއެކު މިލާންއިން ވަނީ ދެލަނޑުގެ ލީޑެއް ނަގައިފައެވެ.
މި މެޗުގައި މިލާންގެ ތިންވަނަ ލަނޑު މެޗުގެ 25ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ 29ވަނަ މިނެޓުގައި ލިބިގެންދިޔަ ދެވަނަ ޕެނަލްޓީން ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމްއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މިލާންގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމާއެކު ދެވަނަ ހާފުގައި ވެސް ގިނަ ލަނޑުތަކެއް ފެނިގެން ހިނގައިދާނެކަމަށް ހީކުރެވުނު ނަމަވެސް ދެވަނަ ހާފުގައި ވެނެޒިއާއިން ވަނީ އެ ޓީމުގެ ޑިފެންސް ވަރުގަދަކޮށް މިލާންގެ ހަމަލާތައް ހުއްޓުވާފައެވެ. މި މެޗުގެ 73 ވަނަ މިނެޓުގައި ވެނެޒިއާގެ ހާންސް ނިކޮލޫސީ ކޮވިގްލިއާއަށް ވަނީ ރަތް ކާޑެެއް ދައްކާފައެވެ.
މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ ފަސް ޕޮއިންޓާއެކު ތާވަލްގެ އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވެނެޒިއާ އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.