އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ފޮރެސްޓް އިން ކާމިޔާބު ކޮށް އެއްމެން ހައިރާން ކޮށްލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ފޮރެސްޓް އިން ކާމިޔާބު ކޮށްފައިވަނީ 0-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ.

މި ފަހަރުގެ ސީޒަންގައި އާން ސްލޮޓްގެ ކޯޗުކަމުގެ ދަށުން މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗު ވެސް ބައިކޮޅަށް ލަނޑެއް ވަނަނުދީ ކާމިޔާބުކޮށްފައިވާ ލިވަޕޫލުން މި މެޗަށް ވެސް ކުރިމަތިލާފައިވަނީ އެފޯރީގައި މި މެޗު ވެސް ކާމިޔާބު ކުރުމަށެވެ.

ނަމަވެސް ކުރީ ތިން މެޗާއި ހިލާފަށް މި މެޗުގައި ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުން ލިބުނު ފުރުސަތުތަށް ނިންމާލުމުގައި މައްސަލަތައް ދިމާވަމުންދިޔަކަން ފާހަގަވެގެންދިޔައެވެ.

އަދި ފޮރެސްޓްއިން ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަ ވުމުން ލިވަޕޫލްގެ ކުޅުންތެރިންނަށް ގިނަ މައްސަލަ ތަކަކާއި ކުރިމަތި ވަމުންދިޔަކަން ފާހަގަ ވެގެންދިޔައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑެއް ޖެހުމަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތުގައި ލުއިސް ޑިއާޒް ވަރަށް ބަލާލައިފާ ފޮނުވާލި ހަމަލާ ހަމާޒުވީ ފޮރެސްޓް ގޯލުގެ ދަނޑިއަށެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފެކޭ އެއްގޮތަށް ލިވަޕޫލުން ހަމަލާއަށް އިސްކަން ދީގެން ކުލެމުންދިޔައިރު ފޮރެސްޓް އިން ރަނގަޅަށް ޑިފެންޑް ކުރުމަށްފަހު ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.

މިގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ފޮރެސްޓް އިން އުފެއްދި ހަމަލާއެއްގައި އެ ޓީމުންވަނީ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެލުމް ހަޑްސަން އޮޑޯއިއެވެ. މި ލަނޑާއެކު ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ނަމަ ވެސް އެކަން ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިއީ 1969 ވަނަ އަހަރަށް ފަހަރަށް ފަހު ލިވަޕޫލްގެ ދަނޑުގައި ކުޅެ ފޮރެސްޓް މޮޅުވި ފުރަތަމަ މެޗެވެ. މިކާމިޔާބީއާއެކު ފޮރެސްޓް މިހާރު އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި މިހާތަނަށް ފޮރެސްޓް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. އަދި ލިވަޕޫލް އުޅެނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގައެވެ.