28 Jun 2012, 11:36
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް ޖަރުމަނާއި އިޓަލީ މިރޭ ވާދަކުރާއިރު އިޓަލީކޮޅަށް ތާރީހީ ނަތީޖާތައް ބުރަވެއްޖެ އެވެ.
ވޯލްޑް ކަޕާއި ޔޫރޯ މުބާރާތުގެ ކުރީގެ ދެ ޗެމްޕިއަނުން މި މެޗަށް ނުކުންނައިރު ބޮޑެތި މުބާރާތްތަކުގައި މި ދެ ޓީމު ވަނީ މިހާތަނަށް ހަތް ފަހަރު ބައްދަލުކޮށްފަ އެވެ. މި ހަތް ފަހަރަކީ ވެސް ޔޫރޯ ނުވަތަ ވޯލްޑް ކަޕުގައި ބައްދަލުކުރި ހަތް މެޗެވެ. މީގެ ތެރެއިން ހަތަރު މެޗު އެއްވަރުވިއިރު އަނެއް ތިން ފަހަރު މޮޅުވީ އިޓަލީ އެވެ.
އިޓަލީ ވަނީ 1970 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ވެސް ޖަރުމަނު ބަލިކޮށްފަ އެވެ. މި ދެ ޓީމު ޔޫރޯގައި ބައްދަލުކުރި ދެ ފަހަރު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އަނެއްކޮޅުން އެކިއެކި މުބާރާތްތަކުގައި ޖަރުމަނު ސެމީ ފައިނަލްގައި މިހާތަނަށް 17 ފަހަރަކު ކުޅެފައިވާއިރު ބަލިވެފައިވަނީ އެންމެ ހަ ފަހަރަކު އެވެ. އަދި ޔޫއޭފާގެ ރެކޯޑްތައް ދައްކާގޮތުން ޖެހިޖެހިގެން ބަލިނުވެ އެމީހުން މިހާތަނަށް ދަމަހައްޓާފައިވާ 15 މެޗަކީ އެ ޖަމާއަތުގެ ރެކޯޑެކެވެ.
ބޮޑެތި މުބާރާތްތަކުގައި އިޓަލީ މިހާތަނަށް ސެމީ ފައިނަލުގައި ކުޅެފައިވަނީ 10 ފަހަރު އެވެ. ފައިނަލަށް ނުދެވި ކެޓީ އެންމެ ދެ ފަހަރު އެވެ. އަދި ޔޫރޯ ސެމީ ފައިނަލުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ދެ މެޗެއްގައި ވަނީ ގޯލެއް ނުޖެހިފަ އެވެ. މީގެ އިތުރުން ޔޫރޯގައި އަށް މެޗެއްގައި ސްކޯ ނުކުރެވިފައިވާ ހަމައެކަނި ޓީމަކީ ވެސް އިޓަލީ އެވެ.