14 Sep 2024, 22:46
ޖަރުމަނު ބުންޑެސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި ހޯފެންހެއިމް ބައްދަލުކުރި މެޗު ލެވަކޫސެން އިން ކާމިޔާބު ކޮށްފިއެވެ.
ހޯފެންހެއިމްގެ ދަނޑުގައި ކުޅުނު މި މެޗު ލެވަކޫސެންއިން ކާމިޔާބު ކޮށްފައިވަނީ 1-4 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެންއިންނެވެ.
އިންޓަނޭޝަނަލް ބްރޭކްގެ ކުރިން އާރްބީ ލެއިޕްޒިގް އާއި ބައްދަލުކުރި މެޗުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު މި މެޗުން މޮޅުވުމަށް ލެވަކޫސެން ބޭނުންވެފައިވި މިންވަރު މި މެޗުން ފާހަގަ ވެގެންދިޔައެވެ.
ލެއިޕްޒިގްގެ މެޗު ވެގެންދިޔައީ މިދިޔަ ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ ލީގު އުފުލާލި ލެވަކޫސެން އެންމެ ފަހުން ކުޅުނު 35 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗަށެވެ.
ހޯފެންހެއިމް އާއި ދެކޮޅަށް ލެވަކޫސެންއިން މެޗު ފަށާފައިވަނީ ވަރަށް ފޯރިއާއެކުއެވެ. މިގޮތުން ލެވަކޫސެންއިން ވަނީ މެޗުގެ 17 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މާޓިން ޓެރިއާއެވެ.
އަދި މެޗުގެ 30 ވަނަ މިނެޓުގައި ވިކްޓާ ބޮނީފޭސް ކާމިޔާބު ކޮށްދިން ލަނޑާއެކު ލެވަކޫސެންއިން އެޓީމުގެ ލީދު ފުޅާކުރިއެވެ. މި މެޗުގައި ހޯފެންހެއިމްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާގިމް ބެރީޝާއެވެ.
މި މެޗުގެ ދެވަނަ ހާފުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފެކޭ އެއްގޮތަށް ލެވަކޫސެން އިން ހަމަލާއަށް އިސްކަން ދީގެން ކޫލުނު އިރު ހޯފެންހެއިމްވެސް ފެނިގެންދިޔައީ ދިފާއަށް އިސްކަން ދިން ނަމަވެސް ލިބޭ ފުރުސަތު ތަކުގައި ހަމަލާއަށް އަރާ މި މެޗުން ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ.
މި މެޗުގައި ލެވަކޫސެންއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ފްލޯރިއަން ވާޓްޒްއެވެ. އަދި މިލަނޑު ކާމިޔާބު ކުރިތާ ތިން މިނެޓް ފަހުން ބަނީފޭސްވަނީ ލެވަކޫސެންގެ ހަތަރު ލަނޑު ކާމިޔާބު ކޮށްދީ މި މެޗުގައި އެޓީމަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ.
މި ކާމިޔާބީއާއެކު ލެވަކޫސެން މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތަވަލްގެ ހަތަރުވަނައިގައެވެ. އަދި ހޯފެންހެއިމް އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.