14 Sep 2024, 19:35
އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 0-3 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.
އިންޓަނޭޝަނަލް ބްރޭކް އަށް ހުއްޓާލުމުގެ ކުރިން ޖެހިޖެހިގެން ދެމެޗުން ބަލިވެފައިވުމުގެ ސަބަބުން މި މެޗުން ނަތީޖާއެއް ނެރުން ވަރަށް މުހިންމުވި މި މެޗުގައި ޔުނައިޓެޑުން ވަރަށް މަސައްކަތް ކުރި ނަމަވެސް މި މެޗު ޔުނައިޓެޑާއި އެއްކޮޅަށް އެނބުރިގެންދިޔައީ މެޗުގެ 29 ވަނަ މިނެޓުގައި ސައުތެމްޕްޓަން އަށް ލިބިގެންދިޔަ ޕެނަލްޓީ ޔުނައިޓެޑްގެ ކީޕާ މަތަކުރި ހިސާބުންނެވެ.
ކެމެރޮން އާޗާ ފޮނުވާލި ޕެނަލްޓީ ވަނީ އަންޑްރޭ އޮނާނާ ދިފާއު ކޮށްފައެވެ.
މި ޕެނަލްޓީ މަތަކުރިތާ ހަ މިނެޓްފަހުން ޔުނައިޓެޑުން ވަނީ މި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިސީޒަންގައި އަލަށް ގުޅުނު ޑިފެންޑާ މަތިއެސް ޑި ލިޓްއެވެ. މިއީ އޭނާ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
އަދި މި ލަނޑު ޖެހިތާ ހަ މިނެޓުފަހުން ޔުނައިޓެޑުންވަނީ މާކަސް ރަޝްފަޑް ޖަހާދިން ލަނޑާއެކު އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިއީ މިސީޒަންގައި ރަޝްފަޑް ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑުވެސްމެއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފުނު ތަނެއް ފެނިގެނެއް ނުދިޔައެވެ.
މި މެޗުގެ 79 ވަނަ މިނެޓުގައި ސައުތެމްޕްޓަންގެ ކެޕްޓަން ޖެކް ސްޓެފަންސް ޔުނައިޓެޑްގެ ބަދަލު ކުޅުންތެރިޔާ އަލެހަންޑްރޯ ގެނާޗޯ އަށް ކުރި ނުރައްކާތެރި ފައުލް އަކާއި ގުޅިގެން ރަތް ކާޑު ދައްކާފައެވެ.
މި މެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގެނާޗޯއެވެ.
މި ކާމިޔާބީއާއެކު ޔުނައިޓެޑުން މިވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސައުތެމްޕްޓަން އުޅެނީ ކުޅުނު ހަތަރު މެޗުން ބަލިވެ ތާވަލްގެ 19 ވަނައިގައެވެ.