ރާއްޖެއަށް މިހާރު ދިމާވެފައިވާ މާލީ ދަތިކަމާއެކު ވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީ ހޯދަން އެއްވެސް ވިސްނުމެއް ނެތްކަމަށާއި، މި ދަތިކަމަކީ ވަގުތީކަމެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެއެވެ.

ޒަމީރު މިހެން ވިދާޅުވީ މިހާރު ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގާއެކު ލަންކާއަށް، އެ ގައުމުގެ ބޭންކިން ދާއިރާގެ އިސްވެރިންނާ ބައްދަލުކުރުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ލަންކާގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ މިހާރު ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ގެންގުޅޭ މައިގަނޑު ވިސްނުމަކީ ޓެކްސްތަކަށް ބަދަލު ގެނައުން ކަމަށެެވެ.

"އަޅުގަނޑުމެންގެ އެބަތިބި ރާއްޖޭގެ ބޭނުންތަކާއި ހާލަތު ދަންނަ އެކުވެރި ފަރާތްތައް. އަޅުގަނޑަށް ހަމަ ހިއެއް ނުވޭ މި ވަގުތަކީ އައިއެމްއެފާއެކު މަސައްކަތްކުރާނެ ހާލަތެއްހެން،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ޓެކްސް ނިޒާމަށް ބަދަލު ގެނެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުމުން ލިކުއިޑިޓީގެ ހާލަތު ވެސް ރަނގަޅުވާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިޞާދީ ހާލަތު ހީނަރުވެފައިވާއިރު، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުންނާއި، މޫޑީސްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ.