28 Jun 2012, 11:15
ޕެނަލްޓީ ޖަހައިގެން ޕޯޗުގަލްގެ މައްޗަށް 4-2 ކުން ކުރި ހޯދުމަށް ފަހު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން ރޭ ކަށަވަރުކޮށްފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ޕޯޗުގަލްއާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގެ ފުރަތަމަ ހާފާއި ދެވަނަ ހާފުގެ ކުޅުން ނިމުނުއިރު ދެޓީމް ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ކުރެވިފައި ނުވުމުން، އިތުރު ދެ ހާފު ކުޅެގެންވެސް ދެޓީމުން ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ފުރަތަމަ ހާފާއި ދެ ވަނަ ހާފުގައި ވެސް، ދެޓީމަށް ގޯލު ޖަހާނެ ރަނގަޅު ދެ ތިން ފުރުސަތެއް ލިބިގެންދިޔަ އެވެ.
މެޗުގެ 120 މިނެޓުގެ ކުޅުން ނިމުނުއިރުވެސް، ނަތީޖާ އަށް ބަދަލެއް ނައުމުން ނަތީޖާއެއް ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ޕެނަލްޓީ ޝޫޓް އައުޓްގައި ސްޕެއިންގެ ޒަބީ އަލޮންސޯ ފޮނުވާލި އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ޕޯޗުގަލްގެ ގޯލްކީޕަރު ރުއީ ޕެޓްރީސިއޯ ދިފާއުކުރި އިރު، ޕޯޗުގަލްގެ ޖޮއާ މޮޓީނިއޯ ޖެހި އެޓީމުގެ ފުރަތަމަ ޕެނަލްޓީ ވެސް ސްޕެއިންގެ ގޯލްކީޕަރު އިކާ ކަސިއަސް ވަނީ ދިފާއުކޮށްފަ އެވެ. އަދި ރޭގެ މެޗުގައި ސްޕެއިންގެ ދެ ވަނަ ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ އަންދްރެސް އިނިއެސްޓާ އެވެ.
ޕޯޗުގަލްގެ ޕެޕޭ ވަނީ އެޓީމުގެ ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް، އަލުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި ސްޕެއިން އިން ޖެހި އެޓީމުގެ ތިން ވަނަ ޕެނަލްޓީ ޖެރާޑް ޕީކޭ ކާމިޔާބު ކޮށްދިން އިރު، ޕޯޗުގަލް އިން ޖެހި އެޓީމުގެ ތިން ވަނަ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ނާނީ އެވެ. ސްޕެއިންގެ ހަތަރު ވަނަ ޕެނަލްޓީ ސާޖިއޯ ރާމޮސް އެޓީމަށް ކާމިޔާބު ކޮށްދިން އިރު، ޕޯޗުގަލްގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަން ދިޔަ އެޓީމުގެ ޑިފެންޑަރު ބްރޫނޯ އަލްވޭސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ޕޯޗްގީޒުންގެ މައްޗަށް ކުރި ހޯދުމުގެ ފުރުސަތު ސްޕެއިންނަށް ބޮޑުވެގެން ދިޔައީ އެހިސާބުންނެވެ. ސްޕެއިނަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވީ ސެސް ފެބްރެގާޒް ޖެހި ޕެންލްޓީ ޕޯޖްގަލްގެ ކޮޅަށް ވައްދާލުމާ އެކު އެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރާއްޖެ ގަޑިން މިރޭ 11:45 ގައި ބައްދަލުކުރާނީ އިޓަލީ އާއި ޖަރުމަނެވެ. ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.