ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީން 20 ދުވަހަށް ބަންދުކުރަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެއީ އުމުރުން 39 އަހަރުގެ ނޭޕާލް ފިރިހެނަކާއި އުމުރުން 24 އަހަރުގެ ޕާކިސްތާނު ފިރިހެނެކެވެ.

ކޯޓު އަމުރުގައި ވާގޮތުން، މިމީހުންގެ އަތުން ފެނުނު މަސްތުވާތަކެތި ޓްރެފިކިން މިންގަނޑަށް އަރާކަމަށް ތަހުލީލީ ރިޕޯޓުތަކުން ދައްކައެވެ.

ޕާކިސްތާނަށް ނިސްބަތްވާ މީހާ ވަނީ ދިރުވައިލައިގެން 60 ބުލެޓު ރާއްޖެ އެތެރެކޮށްފައެވެ. ނަމަވެސް އެއީ މަސްތުވާތަކެތިކަން އޭނާއަށް ނޭންގޭކަމަށް ތަހުގީގުގައި އޭނާ ބުނެފައި ވެއެވެ. އަދި އެއީ އޭނާއަށް ބިރުދައްކައިގެން މަޖުބޫރީ ހާލަތެއްގައި ކުރުވާފައިވާ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ މިކަން ކޮށްފައި ވަނީ އެހެން މީހަކާ ބައިވެރިވެގެން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ ނޭޕާލް މީހާ ވަނީ، މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ފޮރުވަން ދިން މަސްތުވާތަކެތި ކޮބައިތޯ ސުވާލުކުރުމުން ދަބަހެއް ފުލުހުންނަށް ދައްކައިފައެވެ.

މި ދެމީހުންގެ މައްސަލައަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބަލައިގަނެފައިވާ މައްސަލައަކަށް ވާތީ، މި މައްސަލަ ކޯޓަށް ހުށަހެޅުމުން އެފަރާތް ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ކަނޑައެޅުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމުގައި ދެކޭކަމަށް ގާޒީ ވަނީ ފާހަގަކޮށްފައެވެ.