28 Jun 2012, 10:41
ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ދެ ފުލުހަކަށް ހަމަލާދީ ސައިކަލެއްގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
އެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލަނީ ހ. ރެދަން، ފަވާޒު ކަޅުތުއްތުގެ މައްޗަށެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދައުލަތުން ފަވާޒުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:30 އެހާކަންހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގު ގުޅުނު ހިސާބުގައި އިތުރު ބަޔަކާއި އެކު ފަވާޒު ހިންގި ހަމަނުޖެހުންތަކުގައި އެތާގައި ވެއްޓިފައި އޮތް ސައިކަލެއްގެ ޕެޓްރޯލް ޓޭންކް ހުޅުވައި ފަވާޒުގެ އަތުގައި އޮތް ލައިޓަރަކުން އޭގައި ހުޅުޖަހާފައިވާތީ ކަމަށެވެ.
ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ބޭއްވީ ދައުވާއަކީ ކޮބައިކަން ފަވާޒަށް ސާފުކޮށްދީ އަދި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ގޮތް ހާމަކުރެއްވުމަށް ކަމަށެވެ.
ފަވާޒު ބުނީ ދައުވާއަކީ ކޮބައިކަން ސާފުވެއްޖެ ކަމަށާއި މައްސަލަ ކުރިއަށް ދާނީ ވަކީލަކާއި އެކު ކަމަށެވެ. އަދި ވަކީލަކު އައްޔަންކުރަން 15 ދުވަސް ބޭނުންވާކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ގާޒީ ވިދާޅުވީ މިހާރު ކަންތައް އޮންނަ ގޮތުން ވަކީލަކު އައްޔަން ކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫންކަމަށާއި ވަކީލަކު އައްޔަން ކުރުމަށް ދެވޭނީ ފަސް ދުވަސް ކަމަށެވެ. އަދި ވަކީލަކު އައްޔަން ކުރާއިރު ދިފާއީ ހެކި ހުށަހެޅުމަށް ވެސް ގާޒީ މިއަދު ވަނީ ފަވާޒަށް ފުރުސަތު ދެއްވައިފަ އެވެ.
ގާޒީ ވިދާޅުވީ އެ މައްސަލައިގައި ބާއްވާނީ ޖުމްލަ ތިން އަޑުއެހުން ކަމަށާއި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ހަމަ އެދުވަހު ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ސިއްރުން ނަގާނެ ކަމަށެވެ.
ގާޒީ ވިދާޅުވީ ތިން އަޑުއެހުން ބޭއްވުމަށްފަހު ދެން އެ މައްސަލައިގައި ބާއްވާނީ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ އެނޫން ގޮތަކަށް ކުރިއަށް ނުގެންދަވާނެ ކަމަށާއި އެނޫން އެހެން ގޮތަކަށް އެ މައްސަލަ ކުރިއަށްގެންދަން ބޭނުންނަމަ ދެން ޖެހޭނީ މަތީ ކޯޓަކަށް ދާން ކަމަށް ވެސް ގާޒީ ވިދާޅުވި އެެވެ.
"މިނޫން އެހެންގޮތަކަށް މައްސަލަ ބަދަލެއް ނުވާނެ. އެހެން ނޫނީ ދެން ގެންދަން ޖެހޭނީ މިއަށްވުރެ މަތީ ކޯޓަކަށް،" ގާޒީ ވިދާޅުވި އެވެ.